ދަރިންނަށް އެންމެ ހެޔޮއެދޭނެ ބަޔަކީ މައިންބަފައިންނެވެ. ދަރިންނަށް ރަނގަޅު ސިއްހަތަކާއި ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް މައިންބަފައިން ނުވާނެ ޤުރުބާނީއެއް ނޯންނާނެއެވެ. އެއީ ކިތަންމެ ގޮންޖެހުން ބޮޑު ޤުރުބާނީއެއް ނަމަވެސް މެއެވެ. ވަގުތާއި ޚަރަދާއި ތަކުލީފުގެ ގޮތުން ނަމަވެސް މެއެވެ.
މީގެ ހަތް އަހަރު ކުރިން އުފަންވި ރައްޔާ ހަމްދޫންގެ މަންމަ ފިޒްނާ ހުސެއިންއާއި، އެ އާއިލާގެ ފުށުން ވެސް ފެންނަން އޮތީ އެކަމެވެ. ރައްޔާއަކީ އުމުރުން 10 މަހުން ފެށިގެން އޯޓިޒަމް ސްޕެކްޓްރަލް ޑިސްއޯޑަރއަށް ޑައިގްނޯސްކުރެވި ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.
އެ އާއިލާގައި ތިން ކުދިން ތިބެއެވެ. ރައްޔާއަކީ ފިޒްނާ ހުސެއިން (މަންމަ) އަށާއި ހަމްދޫން (ބައްޕަ) އަށް ލިބުނު އެއް މާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ދެން އެ އާއިލާގައި ހުރީ ކުޑަ ފިރިހެން ކުއްޖެކެވެ.

އެއްމާބަނޑު ދެ ކުދިން އުފަންވެ ދެ ކުދިންގެ އުމުރުން ހަތް މަހާއި ހިސާބަށް ފޯރި އިރުވެސް އެއްވެސް ސިއްހީ މައްސަލައެއް ފާހަގަ ކުރެވިފައި ނުވެއެވެ. ނަމަވެސް ދެ ކުދިންގެ އުމުރުން ހަތް މަހުގައި ދެ ކުދިންނަށް ފިޓް ޖެހުމުގެ މައްސަލައެއް ކުރިމަތިވިއެވެ.
އެއަށްފަހު ރައްޔާގެ ފަރާތުން ތަފާތުތަކެއް ފާހަގަކުރެވެން ފެށިއެވެ. ނިދުން މަދުވެ، އާދަޔާ ޚިލާފަށް ރޮއެ ހެދުމާއި، މީހުންނަށް އަޅާނުލުމާއި، ނަމުން ގޮވުމުން ނުބެލުމާއި، އެއްވެސް ވަރަކަށް ބަސްނުކިއުމާއި، ގިނަ އަޑުތަކަށް ބިރުގަތުން ފަދަ އެތައްކަމެއް ފާހަގަ ކުރެވެން ފެށިއެވެ.

ތަފާތުތަކުގެ ސަބަބުން ރައްޔާގެ އުމުރުން 10 މަހުގައި ޑޮކްޓަރަށް ދެއްކުނެވެ. ޑޮކްޓަރަށް ދައްކައި ހެދުނު އެސެސްމެންޓްތަކަށް ފަހު ޔަޤީންވެފައި ވަނީ، ރައްޔާގެ ހަށިގަނޑުގައި އޯޓިޒަމްގެ އަސަރު ހުރިކަމެވެ. އެ ދުވަހުން ފެށިއިގެން ޑޮކްޓަރުގެ ލަފާގެ މަތީން ރައްޔާއަށް ތެރަޕީ ދޭން ފެއްޓިގެން ދިޔައެވެ.
އެއީ 2015 ވަނަ އަހަރެވެ. އޭރު ތެރަޕީގެ ޚިދުމަތަކީ ރާއްޖޭގައި އެހައި ރަނގަޅަކަށް އޮތް ދުވަސްވަރަށް ނުވުމާއިއެކު، ރައްޔާއަށް ތެރަޕީގެ ޚިދުމަތް ރާއްޖެއިން އެންމެ އެކަށީގެންވާ ގޮތުގައި ލިބުމަށް ހުރަސްތަކަކާއި ކުރިމަތިވިއެވެ. އެ ގޮތުތަގި ތިން އަހަރެއްހާ ދުވަހު ތެރަޕީގެ ޚިދުމަތް ދިނުމުގައި ހޭދަކުރެވުނު ނަމަވެސް ރައްޔާއަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. ހެޔޮ ބަދަލުގެ، ބަދަލުގައި ހާލަތު އިތުރަށް ގޯސްވާކަން ފާހަގަ ކުރެވުނެވެ. މިގޮތުން ރައްޔާ އާދަޔާ ޚިލާފަށް ރުޅި ގަދަވުމާއި، ހަށިގަނޑުގައި އާދަޔާ ޚިލާފް ބާރެއް ހުންނަކަން ފާހަގަ ކުރެވުނެވެ.

އެ ހިސާބުން އާއިލާއިން ނިންމީ ރައްޔާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާށް ދިއުމަށެވެ. އިންޑިއާއަށް ގޮސް ހެދި ޓެސްޓްތަކުން ޔަޤީންވީ ރައްޔާއަށް ވަރަށް ކައިރި ކައިރީގައި ފިޓްޖެހި ސިކުނޑީގެ ނާރުތަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަމެވެ. އެ ހިސާބުން ފެށިގެން ޑޮކްޓަރުގެ ލަފާގެމަތީން ދާއިމީ ގޮތެއްގައި ފިޓްޖެހުމުން ދުރުކުރުމަށް (ވަލްޕަރިން 200 ސިރަޕް) ދޭން ފެށުނެވެ. އަދި ދިގު މުއްދަތެއްގައި އިންޑިއާގައި މަޑުކޮށް ފަރުވާ ކުރެވިއްޖެ ނަމަ ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވި ނަމަވެސް އެނބުރި މާލެ އައީ އެވަރުގެ ތަނަވަސް ކަމަށް ނެތުމުގެ ސަބަބުންނެވެ.
އެއަށްފަހު ކޮންމެ ހަ މަހަކުން އިންޑިއާއަށް ގޮސް ރައްޔާގެ ޓެސްޓުތައް ހަދައި ފަރުވާ ދެމުން އައި ނަމަވެސް އެކަން މެދުކެނޑުނީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން ޤައުމުތައް ބަންދުކުރުމާއި ގުޅިގެންނެވެ. ކުރިމަތިވި ގޮންޖެހުންތަކާއިއެކު ފިޓްޖެހުމުން ދުރުކުރުމަށް ދޭ ބޭސް ހުސްވެ އަނެއްކާ ވެސް ފިޓް ޖެހުމުގެ މައްސަލަ ކުރިމަތިވިއެވެ.
އެއަށް ފަހު އަނެއްކާ ވެސް ރައްޔާއަށް ބުނެދޭން ނޭނގޭ ކަހަލަ ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެއްވެސް ކަމެއްނުވެ ބާރަށް އެތައް އިރެއް ވަންދެން ހުއްޓައި ނުލާ ރުއިންފަދަ ކަންކަން ކުރިމަތިވާން ފެށިއެވެ. ހާލަތު ސިފަކޮށްދެމުން ރައްޔާގެ މަންމަ ބުނެފައި ވަނީ ދަރިފުޅު ހުއްޓާނުލައި އެތައްއިރެއް ވަންދެން ރޯތަން ބެލުން އެއީ ކެއްކުރެވޭވަރު ކަމަކަށް ނުވާކަމަށެވެ. އެކަމާ ވަރަށް ދެރަވާ ކަމަށާއި ނަމަވެސް ހުއްޓުވާލުމަށް ކުރެވޭނެ ކަމެއް ވެސް ނޯންނަ ކަމަށެވެ.
ރައްޔާގެ ހާލަތައް ބަދަލުތައް އަންނަން ފެށުމުން އާއިލާއިން ނިންމީ ސްޓެމް ސެލް ތެރަޕީ ދިނުމަށް އިންޑިއާއަށް އަނެއްކާ ވެސް ފުރައިގެން ދިޔުމަށެވެ. މާލީ ދަތިކަން ބޮޑު ގޮންޖެހުމެއް ގޮތުގައި ކުރިމަތި ވީ ނަމަވެސް އާއިލާއާއި ރައްޓެހިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއިއެކު އިންޑިއާގެ މުމްބާއިގެ ނިއުރޯޖަން ހޮސްޕިޓަލަށް ގޮސް އެ ހޮސްޕިޓަލުން ރައްޔާގެ ފުރަތަމަ ސްޓެމްސެލް ޓްރީޓްމެންޓް ފުރިހަމަ ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.
ސްޓެމްސެލް ތެރަޕީއަށް ފަހު ރައްޔާގެ ފުށުން އުންމީދީ ބަދަލުތަކެއް ފެންނަން ފެށިއެވެ. މުޢާމަލާތް ކުރުމުގައާއި އަމިއްލަ ބޭނުންތައް ބުނެދިނުމުގައި ފަސޭހަވެގެން ދިޔައެވެ. ބޭރަށް ގެންދިޔުމުން ހިނގުމާއި، މޫދަށް އެރުމަށް ޝަޢުޤުވެރިކަން އިތުރުވުން ކަހަލަ ބަދަލުތައް ފާހަގަ ކުރެވެން ފެށިއެވެ.
މުޖުތަމަޢުގައި ހުރި ގޮންޖެހުންތައް ފާހަގަ ކުރަމުން ރައްޔާގެ މަންމަ ބުނެފައި ވަނީ ކުރިއާ އަޅާބަލާއިރު މިފަދަ ކުދިން މުޖުތަމަޢުގައި ބަލައިގަންނަ މިންވަރު މިހާރު އިތުރުވެފައި ވީ ނަމަވެސް އަދިވެސް ގޮންޖެހުން ބޮޑު ކަމަށެވެ. ޕާކުފަދަ ތަންތަނަށް ދަރިފުޅު ގޮވައިގެން ދިޔުމުން ވެސް ހިތުގައި ޖެހޭފަދަ ބަސްތައް އަޑު އިވޭ ކަމަށެވެ. މީގެ އިތުރުން ސްކޫލު މާހައުލުގައި ވެސް ގޮންޖެހުންތަކާއި ކުރިމަތިވާ ކަމަށެވެ.
ހަމަސް ފަހުން ސްޓެމް ސެލް ތެރަޕީގެ ޓްރީޓްމެންޓެއް ނެގުމަށް ޑޮކްޓަރުން ލަފާދީފައިވުމާއި އެކު ރައްޔާގެ އާއިލާއިން ސްޓެމްސެލް ތެރަޕީގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ލިބޭތަނަކަށް ދިއުމުގެ ގޮތުން މިފަހަރު ދިއުމަށް ނިންމާފައި ވަނީ ސައުތު އެމެރިކާގެ ޕެނަމާއަށެވެ. ނަމަވެސް އެއީ ދުރު ހިސާބަކަށް ވުމާއެކު ދަތުރު ހުރިހާ ގޮތަކުން ވެސް އަގުބޮޑުވުމުގެ ސަބަބުން އެ އާއިލާއަށް އަނެއްކާ ވެސް ވަނީ މާލީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އެ އާއިލާއިން ލަފާކުރާ ގޮތުގައި ދަތުރަށް 16400 (ސޯޅަހާސް ހަތަރު ސަތޭކަ) ޑޮލަރު ބޭނުންވާނެއެވެ. ބޭންކް ރޭޓުން ބަލާނަމަ އެއީ 252,888 ދިވެހި ރުފިޔާ އެވެ.
Pls help and share 🙏❤️
Posted by Fixu Husseyn on Thursday, April 28, 2022
ރައްޔާގެ ހުރިހާކަމެއް މިހާރު ވެސް ރައްޔާގެ މަންމަ ކޮށްދެމުން އަންނައިރު، ރައްޔާގެ މަންމަގެ އެދުމަކީ ރައްޔާއަކީ ވެސް އަމިއްލައަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް ކުރެވޭވަރު ޤާބިލް މުޖުތަމައަށް ބޭނުންތެރި ކުއްޖަކަށް ހެދުމެވެ. ރައްޔާގެ ފަރުވާއަށް ކިތަންމެ ކުޑަމިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތްފަރާތަކުން ވެސް އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ އެ އާއިލާގެ އެދުމެވެ.
ރައްޔާއަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް
7730000336881 (ރުފިޔާ އެކައުންޓް)
7730000429719 (ޑޮލަރު އެކައުންޓް)
ރައްޔާއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 9846664 (ފިޒްނާ ހުސެއިން/ މަންމަ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!