2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރުމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ފަޔާއަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ ކަމަށެވެ. އަދި އެންމެ ގިނަ ރައްޔިތުން ހިމެނޭ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ.

Ad
rt

އެހެންކަމުން އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މުޅި ޤައުމުގެ ތަރައްޤީއާއި، މުޅި ޤައުމާއި އަދި މުޅި ޤައުމުގެ ރައްޔިތުންނާ ވެސް ގުޅުން އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖެ ތަރައްގީ ކުރުމުގެ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ޚިޔާރުކޮށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެ ތަރައްޤީކުރާ ޕާޓީއަކީ ހަމައެކަނި އެމްޑީޕީކަމަށާއި، ހަމައެކަނި މި ނިޒާމް ދަންނަ ޕާޓީއަކީ ވެސް އެ ޕާޓީކަމަށް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ އުފެދު އެމްޑީޕީގެ ސަރުކާރު އާދެ ރައީސް ނަޝީދުގެ ސަރުކާރު 2008 ވަނަ އަހަރު އުފެދިގެން އައިސް 2010 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނު އުފަންކުރެވި ލާމަރުކަޒީ ނިޒާމަކަށް ދިވެހިރާއްޖެ ހިންގުމުގެ ކަންތައްތައް ފައްކާކުރެވެމުންދިޔަ، އެހެންނަމަވެސް 2012 ވަނަ އަހަރު ކުރެވުނު ބަޣާވާތާއި ގުޅިގެން އެމްޑީޕީގެ ވެރިކަން ބީވެގެން ދިޔަ، އަދި އެއާއެއްކޮށް ލާމަރުކަޒީ ނިޒާމުގައި މިފައްކާ ކުރަމުންއައި ފައްކާ ކުރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ އަތުން ގެއްލި އެ ރައްޔިތުންގެ އަތުން ވެރިކަމުގެ ނިޒާމަށް އޮތް ބާރުވެރިކަން ގެއްލިގެން ދިޔަ،" މޭޔަރު ވިދާޅުވެފައިވެއެވެ.

މޭޔަރު ވިދާޅުވީ، އަނެއްކާވެސް 7 އަހަރަށްފަހު ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް އެ ނިޒާމު ފައްކާކުރެވި ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އާ މަސައްކަތްތަކެއް އަނެއްކާ ވެސް ކުރަން މިހާރު ވަނީ ފެށިފައިކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމުގައި އެމްޑީޕީން ގިނަ ދުވަހު އޮތުމަކީ މުހިންމު ކަމެއްގޮތުގައި ޤަބޫލުކުރައްވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮތުމަށްޓަކައި އެމްޑީޕީއާއި، އެޕާޓީގެ އާންމު މެންބަރުންނާއި ސަރުކާރާއި އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާވާން ޖެހޭކަމަށެވެ. އަދި ސަރުކާރާއި ޕާޓީގެ މެންބަރުންނާއި ގުޅުން ރަނގަޅުކޮށް ސަރުކާރު ވަރުގަދަކޮށް 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރިއަށް އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ މެންބަރުން ހޮވާ އެމްޑީޕީގެ ޗެއާޕާސަން ކުރައްވަންޖެހޭ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށެވެ.

"ސަރުކާރުން ދިވެހި ރާއްޖެ ތަރައްޤީކުރައްވަން ކުރައްވާ މަސައްކަތްތައް އިތުރަށް މެދުކެނޑުމަކީ ހަމަޔަޤީނުންވެސް އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއްނޫން، ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންއަކަށް ފައްޔާޒު އިސްމާއީލް އާދެ މިހާރު ވެސް ސަރުކާރުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ހޮވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން،" މޭޔަރު ވިދާޅުވިއެވެ.

"ސަބަބަކީ ދެ ކެންޑީޑޭޓުން އަޅާ ކިޔާލާއިރު އަޅުގަނޑަށް ހަމަޔަޤީނުން ވެސް ފައްޔާޒު އިސްމާޢީލްގެ އެ ލީޑާރޝިޕް ހުރިތަން އެބަފެނޭ، ފައްޔާޒު އިސްމާޢީލަކީ މި ޕާޓީ ހިންގޭވަރުގެ ލީޑަރެއްކަން އަޅުގަނޑާއި ބައްދަލުވެ ދެކެވުނު ވާހަކައިން އަޅުގަނޑަށް ޔަޤީން ކަށަވަރު، އެހެންކަމުން އަޅުގަނޑު ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒު އިސްމާޢީލްއަށް ތާއީދުކުރަން ނިންމައިފިން" މޭޔަރު އިތުރަށް ވިދާޅުވިއެވެ.

މޭޔަރު އާތިފް ވިދާޅުވީ، އޭނާގެ އެދުމަކީ އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ޕާޓީ ވަރުގަދަކުރުމަށްޓަކައި މި އިންތިޚާބުގައި ފައްޔާޒު އިސްމާޢީލަށް ވޯޓުދެއްވުން ކަމަށެވެ.

މޭޔަރު އާތިފްގެ ތާއީދު ފައްޔާޒަށް ދެއްވިއިރު ކުޅުދުއްފުށީ ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލިސްގެ ދެ މެންބަރުން ވެސް ތާއީދު ކުރައްވަނީ ފަޔާ އަށެވެ.