މީސްމީޑިއާ މެދުވެރިކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މީސްމީޑިއާގައި މީހަކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ތަހްގީގުކޮށް ދިނުމަަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

ޓްވީޓާގައި މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހިންގާ އެކައުންޓަކުން މެއި 1 ވަނަ ދުވަހުގެ ރޭ 23:09 ގައި އާންމު ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މި ޤައުމުގައި މީގެ ކުރިން ވެރިކަން ކުރި މީހަކު މި ޤައުމު އިނދަޖައްސާލައި، ލޫޓުވާލަން އަނެއްކާވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެހެން ވިޔަކަ ނުދޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދިފާއީ ބާރު އޮތީ އެހެން ޤައުމެއްގެ އަތްދަށުވެފައި ކަމަށް ބުނެ ދޮގު ހަދައިގެން މަސައްކަތް ކުރަމުން ދަނީ އެންމެ މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ވީޑިއޯގައި ބުނެއެވެ.

"އަޅުގަނޑުމެންނަނީ މޯލްޑިވްސް ޔޫތް ފޯސް. އަޅުގަނޑުމެން މި ނުކުންނަނީ އޭނާ ސައިޒު ކުރަން،" އެ ވީޑިއޯގައި ބުންޏެވެ.

އެ ވީޑިއޯގައި ދައްކާ ބައެއް މަންޒަރުތަކުގައި ކުރީގެ ރައީސް ޔާމީން، އިދިކޮޅު ހަރަކާތުން އިސްވެ ހިންގާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދަައްކަވާ މަންޒަރު ފެނެއެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ޔާމީނަށް އިންޒާރު ދިނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ މެންބަރެކެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ނުވަތަ ނޫންކަމަކަށް ވެސް މިހާތަނަށް ފުލުހުން ވިދާޅެއް ނުވެއެވެ.