ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހދ އަތޮޅުގެ ރަށްތަކުގައި މިއަދު ފަށަބް ތާވަލު ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު މެންދުރުން ފެށުގެން އެ ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފަށާނެއެވެ.
މި މަޝްރޫއުގެ ޒޯން އެކެއްގައި ދެން ހިމެނޭ ރަށްތަކަކީ ހއ އަދި ށ އަތޮޅުގެ ރަށްތަކެވެ. މި ޒޯނުގެ އެހެން އަތޮޅިތަކުގެ ދަތުރުތައް ވެސް ވަރަށް އަވަހަށް ފަށާނެއެވެ.
މިއީ މުޅިން އަލަށް ފަށާ ހިދުމަތެއް ކަމެއް ކަމުން މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފެރީތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ. އެއީ އެ ހިދުމަތަށް މީހުން އަހުލުވެރިކުރުވުމަށް ދޭ ވަގުތެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ޙިދުމަތް ފެށުމަށް ބޭނުންވާ 4 ސްޕީޑް ފެރީވެސް މިހާރު ވަނީ ހދ އަތޮޅަށް ބަނދަރުކުރެވި ދަތުރުތައް ފެށުމަށް ތައްޔާރުކޮށްފައެވެ.
މި ދަތުރުތަކުގައު ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެކެވެ. އަދި ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައެވެ.
އޭސީ ކޮށްފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކޮށްފައި ހުންނާނެއެވެ.
ފެރީގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގައެއް ހާއްސަ ކުރެވިފައި ހުންނައިރު. އާރްޓީއެލް ގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.
އެމްޓީސީސީން ބުނާ ގޮތުގައި އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ. މި މުއްދަތަށް ފަހު ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނަގާނެއެވެ. އެއާއެކު ކައުންސިލުން ޖާގަ ހޯދުން ވެސް ހުއްޓާލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!