އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، "ފުޓިންގ ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މި ހަރަކާތުގެ ސަބަބުން މެމްބަރު ޤައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާއި މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ޙިއްޞާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 11 މެއި 2022 ގައެވެ.