އެންމެ ކުޑަ އުޖޫރަ ( މިނިމަމް ވޭޖު) ކަނޑައެޅުމުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން، ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ ކަމަށާއި، އެކަންކަން ކަށަވަރުވޭތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ދަންނަވަން. ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރަން. މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ، ކަށަވަރުވޭތޯ ބަލަން ޖެހޭ. #MayDay
— Col(rtd)Mohamed Nazim MP (@nazim7878) April 30, 2022
މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ފޮނުއްވި ޚިޠާބުގައި ވަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކަންކަން އިޞްލާޙުކޮށް، މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ގެންދަވަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!