މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ ބުރަކޮށް މަސައްކަތްކުރާ ދިވެހީންނަށް ދޭންވީ ވަގުތުކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ޕާޓީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަކީ ގައުމުގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތަބައީ މުއްސަނދިކަމުން ލިބޭ މަންފާގެ ބޮޑުބައި ޒަމާނުއްސުރެން ނަގަމުން ދަނީ ރާއްޖެއިން ބޭރުގެ ނުވަތަ މަދު ފަރާތްތަކެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ރީތި ރަށްތަކުން މިހާރު ލިބޭ މުއްސަނދިކަމަށްވުރެ ބޮޑު ހިއްސާއެއް ދިވެހިންގެ މުޖތަމަޢުއަށާއި އާއިލާތަކަށް ހައްގުވާން ވާނެކަމަށް އެ ޕާޓީން ދެކޭކަމަށް އެމްއެލްއެސްޑީޕީއިން ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަކީ ދިވެހިންގެ ރަށްތަކެއް ކަމުގައި ވީހިނދު އެރަށްތައް ރައްކާތެރިކޮށް ބަލަހައްޓައި އަދި ޒިންމާ ނަގައި، ލިބެންޖެހޭ ހަގީގީ ފައިދާ ހޯދުމަކީ މަސައްކަތްތެރިންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ލިބގެންވާ ޙައްޤެއްކަމަށް ވެސް ބުނެފައި ވެއެވެ.
"އެހެންކަމުން މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ ބުރަކޮށް މަސައްކަތްކުރާ ދިވެހީންނަށް ދޭންވީ ވަގުތެވެ. އެއީ މަސައްކަތްތެރިންނަށް ލިންޖެހޭ ޙައްޤެކެވެ. އަދި އެއީ އަންނަން ޖީލުތަކުގެ ޙައްޤެއް ކަމުގައިވެސް ދަންނަވަމެވެ." އެ ޕާޓީން ބުނެފައި ވެއެވެ.
ބައިނަލް އަޤްވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ގެ ތަހުނިޔާ އެންމެހައި މަސައްކަތްތެރިންނަށް އަރިސްކުރަން!
މި މުހިންމު ދުވަހާއި ގުޅިގެން މިޕާރޓީގެ ފަރާތުން ނެރޭ ބަޔާން! @Dhaurunews @cnm_mv @thiladhun @thevoice_mv @raajjemv @thepressmv @oneonlinemv @DhiyaresNews @DhivehiChannel pic.twitter.com/OO7CbSGceb— Maldives Labour Party (@LabourPartyMV) April 30, 2022
އެ ޕާޓީން ބުނީ، ވަޒީފާތައް އުފައްދައި، މުސާރަދޭ ބޭރުގެ އިންވެސްޓަރުންނާއި ކުންފުނިތަކަށް ދިވެހިން މަރުހަބާކިޔާއިރު، މިފަދަ އިންވެސްޓަރުންނާއި ކުންފުނިތަކުން ކުރިއަށްގެންދާ އިގްތިސާދީ ސައްކަތްތަކުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯ ކަށަވަރުކުރުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުންތައްނުވާ މަސައްކަތްތަކެއް ކަމުގައި ކަށަވަރު ކުރުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ.
އެމްއެލްއެސްޑީޕީން ބުނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިން ތަމްސީލްކުރާ މަސައްކަތްތެރިންގެ ޔޫންތަކުން، ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު ގަބޫލު ކުރަންޖެކޭ ހަގީގަތަކީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން އިންސާފް ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ބައެއްގެ ގޮތުގައި މަސައްކަތްތެރިން މިއަދު ސާބިތުކޮށްދީފައިވާކަން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!