ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އެސްޕަނިޔޯލް އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ތަށި 35 ވަނަ ފަހަރު ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ވެސް ރެއާލް މެޑްރިޑެވެ. ރެއާލުން 35 ތަށި ކާމިޔާބު ކޮށްފައިވާއިރު، ދެން އެންމެ ގިނަ ލީގު ތަށި ކާމިޔާބު ކޮށްފައި ވަނީ ވާދަވެރި ބާސެލޯނާއިންނެވެ. އެ ޓީމުން ވަނީ ސްޕެނިޝް ލީގުގެ ތަށި 26 ފަހަރު ކާމިޔާބު ކޮށްފައެވެ.
ރެއާލަށް ލީގުގައި އަދި ބާކީ ހަތަރު މެޗު އެބައޮތެވެ. ނަމަވެސް މިވަގުތު އެ ޓީމަށް ދެވަނާގައި އޮތް ސެވިއްޔާގެ މައްޗަށް 17 ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 34 މެޗުން ލިބުނު 81 ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި ސެވިއްޔާ އޮތީ ކުޅުނު 34 މެޗުން ލިބުނު 64 ޕޮއިންޓާއި އެކުގައެވެ. ތިންވަނާގައި ބާސާ އޮތީ ކުޅުނު 33 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ.
ސްޕެނިޝް ލީގުގެ ތަށި ރެއާލުން ކާމިޔާބު ކުރުމާއިއެކު، އެ ޓީމްގެ ކޯޗުގެ މަޤާމުގައި މިވަގުތު ހުރި އެންޗެލޮޓީ ވަނީ ޔޫރަޕުގެ އެންމެ ބޮޑު ފަސް ލީގުގެ ތަށި ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ މަޤާމް ލިބިފައެވެ. އެންޗެލޮޓީ މީގެ ކުރިން ވަނީ އިޓަލިއަން ލީގު، ޕްރިމިއަ ލީގު، ފްރާންސް ލީގުގެ އިތުރުން ޖަރުމަނު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.
މި ލީގު ތައްޓާއިއެކު ރެއާލްގެ ކެޕްޓަން މާސެލޯއަށް ވެސް ވަނީ ހާއްސަ ޝަރަފެއް ލިބިގެން ގޮސްފައެވެ. މާސެލޯ ވެފައި ވަނީ ރެއާލް މެޑްރިޑްގައި އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާ އަށެވެ. އޭނާ މިހާރު ވަނީ ރެއާލްއާއިއެކު 24 ތަށި ހޯދައިފަ އެވެ. އެއްވެސް ކުޅުންތެރިޔަކަށް މީގެ ކުރިން ރެއާލް ޖޯޒީގައި އެ އަދަދަށް ތަށި ކާމިޔާބު ކުރެވިފައި ނުވެއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗު މި ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވުމާއެކު، ރެއާލުން މިއަދު މެޗަށް ނުކުމެފައި ވަނީ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ.
މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި މާސެލޯ ތަނވަސް ކޮށްދިން ފުރުޞަތެއްގައި ރޮޑްރިގޯ ކާމިޔާބު ކޮށްދިންއިރު، މެޗުގެ 43 ވަނަ މިނޓުގައި ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހާފު ނިމުމުގެ ކުރިން ރެއާލަށް ދެ ލަނޑުގެ ލީޑެއް ހޯދައި ދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލުން ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ ތިންވަނަ ލަނޑު 55 ވަނަ މިނެޓުގައި ކަމަވިންގާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެސެންސިއޯއެވެ.
ފުރަތަމަ އެގާރާގައި ނުހިމެނުނު ނަމަވެސް މެޗުގެ ފަހު ބައިގައި ވިނީސިއަސްއާއި ބެންޒެމާ ވަނީ ކުޅެން ނުކުމެ ތަފާތު ދައްކާފައެވެ. މިގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!