މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނިސްބަތްވާ ފަޅިއެވެ. ސަރުކާރާއި، އެޕާޓީގެ ގިނަ މަޖިލިސް މެންބަރުންގެ ތާއީދު އޮތީ އެ ފަޅިއަށެވެ.
ދެން އޮތީ އެ މަޤާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ނިސްބަތްވާ ފަޅިއެވެ. މި ފަޅީގެ ބައެއް ބޭފުޅުންނަކަށް މިހާރު އެއް ގޮތަކަށް ވެސް މި ސަރުކާރު ކަމުނުދާހެން ހީވާފަހަރު އާދެއެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް ހިމެނެއެވެ.
މެންބަރު އިބްރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސަރުކާރާ ނުރުހުންވަނީ ސަރުކާރު ހޯދަމުންގެންދާ ކާމިޔާބީއަށް ހަސަދަވެރިވެ، ސަރުކާރު ބޭނުންކޮށްގެން، އަމިއްލަ ފައިދާ ނުނެގޭތީވެ ކަމަށެވެ.
"ސަރުކާރުގެ ދުވެލިބާރުކަން، ރައްޔިތުންނާ އަޅާލާލެއް ބޮޑުކަން، އޯގާތެރިވެރިއެއެ ދުރުވިސްނުންފުޅު، 2023 ޔަގީންވާތީވެ" އިބްރޭ ވިދާޅުވެފައި ވެއެވެ.
އެމްޑީޕީއަކީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ މައި ޕާޓީއެވެ. ވެރިކަން ކުރަމުންދަނީ އެމްޑީޕީގެ މެނިފެސްޓޯ، "ޖަޒީރާ މެނިފެސްޓޯ" އަކީ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯ ކަމަށް ބަލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!