ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން، އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ އިއުލާނުކުރައްވައިފިއެވެ.

ނަޝީދުގެ ކޮއްކޯފުޅު، އީވާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު އިމްތިޔާޒު ފަހުމީގެ ކެމްޕޭނު "ތިލަފަތުގެ ރަމްޒު" ޓީމުން ކުޅުދުއްފުށީ ގެ އެމްޑީޕީ މެންބަރުންނާއިއެކު މިރޭ ބޭއްވި ތަރާވީހުގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އީވާ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ބޭނުންވަނީ 2023 ގައި އެމްޑީޕީގެ ވެރިކަމެއް ޤާއިމުވުމަށް ކަމަށާއި އެހެންކަމުން، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދު ބައިވެރިވާނެކަމަށެވެ.

"2023 ގައި އަޅުގަނޑުމެން ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 ގައި އަޅުގަނޑުމެން އެންމެންވެސް ބޭނުމީ އެމްޑީޕީގެ ވެރިކަމެއް. 2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 އިންތިހާބުން އެމްޑީޕީ ޕްރައިމަރީއަށް އިރާދަކުރެއްވިޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ."

އީވާ ވިދާޅުވި އެވެ.

އިވާ މިފަދައިން ވިދާޅުވެފައި ވާއިރު، މި ސަރުކާރަށް ރައީސް ނަޝީދު އަންނަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އަދި މިސަރުކާރުގެ ކޯލިޝަނުން އެމްޑީޕީ ވަކި ވުމަށް ވެސް ރައީސް ނަޝީދުވަނީ ގޮވައިލާފައެވެ. ސަރުކާރުގެ އެކި ކަންކަމަށް އެމްޑީޕީގެ ތެރެއިން މި ފަހުން ވަރަށް ފާޅުގައި ފާޑުކިޔަމުންދާއިރު، މީގެ ކުރިން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ދެން އޮތް ގޮތަކީ އިދިކޮޅު ޕީޕީއެމާ އެކު ސިޔާސީ މަސައްކަތް ކުރުން ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިއަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށާއި މިސަރުކާރަށް ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ.

"ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް."

އެތެރޭގެ އިންތިހާބަށް ބަހުގެ ހަމަލާތައް ކެމްޕޭން ޓީމުތަކުން ދެމުން ދަނިކޮށް ސަރުކާރަށް ތާއީދެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ދެ ފެކްޝަނުގެ ކޯޅުން ބޮޑެވެ. އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ބައެއް ވޯޓުތަކުގައި އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ދެއްވި އެވެ.

މިއީ، އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި 2023 އެމްޑީޕީއަށް ގެއްލުވާލަން ޕާޓީ ތެރެއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.