ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން ހިންގި "އޮފީސް ދިވެހި" ކޯސް ފުރިހަމަކުރި ފަރާތްތަކަށް މިއަދު ސެޓްފިކެޓް ދީފިއެވެ.

އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލޭންގްއޭޖް އިން އިންތިޒާމްކޮށްގެން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކުރު ކޯސް ފުރިހަމަކޮށް 17 ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

Ad
rt

މި ކޯސް ނިންމުން ފާހަގަކޮށް، ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މިއަދު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވި ގޮތުގައި އޮފީސް ދިވެހި ކޯހަކީ އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމާއި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް ކުށެއްނެތް ސާފު ދިވެހި ބަހުން ވާހަކަދައްކައި ލިޔުމަށް މަގު ފަހިކޮށްދީ، އެކަންކަމުގެ ހުނަރާއި މަޢުލޫމާތު ފޯރުވައި ދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ކޯހެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެވިޑްގެ ޗެއާމަން މުޝްތާޤް ވާހަކަ ދައްކަވަނީ

މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ބަހަކީ ކޮބައިކަމާއި، ދިވެހިބަހަކީ ކޮބާއިކަމާއި، ބަހާ ސަގާފަތާއި ހުރި ގުޅުމާއި، ބަހުގެ ދަރަޖަތަކާއި، ދިވެހިބަހުގެ ޤަވާއިދުގެ ތަފާތު ބައިތަކާއި، އޮފީސްތަކުގައި ބޭނުންކުރާ އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި ގުޅޭ ގިނަ ބައިތަކެއް ހިމެނެއެވެ.

މި ކޯހުގައި ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނެނީ ދިވެހި ބަހުގެ ވަރަށް ފުންނާބު އުސް، ރާއްޖޭގައި ޢިލްމީ ގޮތުން ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންކޮޅެކެވެ. އޭގެ ތެރޭގައި އެވިޑްގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީން އަދި ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް ޢަޝްރަފް ޢަލީ އާއި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރާއި، އެވިޑް ކޮލެޖްގެ ވައިސްރެކްޓަރ އަހްމަދު ފަޔާޒް ހަސަންއާއި އެވިޑް ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނރަލް ޒީމާ ޢަބްދުﷲ އާއި ދިވެހިރާއްޖޭގައި ބަހުގެ ދިރާސާތައް ކުރެއްވުމުގެ އެންމެ އުހުގައި ހުންނެވި އެއްބޭފުޅެއްކަމުގައިވާ އެވިޑް ކޮލެޖްގެ ލެކްޗަރަރ އިޔާޒް ނަސީމް ފަދަ ބޭފުޅުން ހިމެނެއެވެ.

ކޯސް ނިންމި ބައެއް ބައިވެރންނާއި، އެވިޑްގެ ޓޮޕް މެނޭޖްމަންޓްގެ ބައެއް ބޭފުޅުން

ދިވެހި ބަހަށް ޚާއްޞަކޮށް، ބަހުގެ ޢިލްމް ފެތުރުމަށް އިސްކަން ދީގެން އެވިޑުން އާޓްސް އެންޑް ލިޓްރޭޗާގެ ނަމުގައި ފެކަލްޓީއެއް އުފެއްދީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި އެވިޑް ކޮލެޖުން މިހާރު ވަނީ އެ ކޮލެޖުން ހިންގާ ހުރިހައި ކޯހެއްގައި ވަކި މޮޑިޔުލްއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދޭން ވެސް ނިންމާފައެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމު ފޯރކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިމަ ދަރިވަރުން އެވިޑް ކޮލެޖްގައި ކިޔަވަމުންގެންދެއެވެ.