އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ޕްރޮގްރާމްގެ ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ރޭގެ މަޢުލޫއަކީ "ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް" އެވެ. މި މައުލޫއަށް ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށެވެ. އަދި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށާއި، އިސްލާމްދީން ފިޔަވާ އެހެން ދީނެއް އެދެފި މީހެއްގެ ކިބައިން ހަމަ ކަށަވަރުން ގަބޫލު ނުކުރޭނެކަމަށް ވިދާޅުވިއެވެ.
ޒަމާނަކީ ބަދަލުވަމުން އަންނަ އެއްޗެއްކަން ފާހަގަކުރައްވަމުން ދުނިޔޭގައި ކޮންމެ ބިތެއްގައި ހިނގާ ކޮންމެ ކަމެއްވެސް ދުނިޔޭގެ ކޮންމެ ބިތަކަށްވެސް ފޯރާކަމަށް ޑރ. ވަނީ ފާހަގަ ކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ޤައުމެއްކަމުގައިވިޔަސް ތަފާތު އެކި އަސަރުތައް އަޅުގަނޑުމެންނަށްވެސް އަންނާނެކަމަށާއި ޒަމާނާއެކުވެގެން އަންނަ ރަނގަޅުކަންތައްވެސް ހުންނަކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޒަމާނުގެ އޮއިވަރުގެ ތެރެއިން ފިކުރުތަކަށް އަސަރު ކުރާކަމަށާއި ހަމަ އެހެންމެ މި އޮއިވަރުގެ ތެރެއިން އަޚްލާޤަށްވެސް ވަރަށް ނޭދެވޭ އަސަރު ކުރާކަން ފާހަގަކުރެއްވިއެވެ.
ޑރ. ޢަލީ ޒާހިރު ވިދާޅުވީ ދުނިޔޭގައި އިންސާނުން ލެއްވި ހިސާބުން ޝައިޠާނާ އިންސާނުން މަގުފުރެއްދުމަށް ވަޢުދުވެ، ޤިޔާމަތާހަމައަށްވެސް އެ މަސައްކަތް ކުރާނެކަމަށް ބުނެ އެގޮތަށް އެކަން ކުރަމުންދާކަމަށެވެ. އަދި ހަމަ އެ ޝައިޠާނާގެ އަވައިގައި ޖެހިގެން އުޅޭ އިންސާނުންވެސް މީސްތަކުންގެ ތެރޭގައި އުޅޭކަމަށް ވިދާޅުވިއެވެ.
ފިކުރު ތަޣައްޔަރުކޮށްލާފަދަ ކަންކަންމާއި، ދީނީ ހުދޫދުން ނެއްޓިގެން މިނިވަންވުމުގެ ފިކުރު ބައެއް މީހުންނަށް ކުރެވޭކަމަށާއި، އެއީ ފިކުރަށް މެދުވެރިވާ ނޭދެވޭ ކަންތައްތައް ކަމަށް ޑރ. އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.
އިސްލާމީ މުޖުތަމަޢުތަކާއި ހުޅަނގުގެ ޣައިރު މުސްލިމުންގެ އުޅުމާއި ފެންނަ ގޮތާއި އެއްގޮތްކަމަށާއި، އެފަދަ މީހުންނާއި ތަބަޢަ ވާނެކަމަށް ރަސޫލާ ﷺ އިންޒާރުދެއްވާފައިވާކަންފާހަގަ ކުރައްވައި، ރާއްޖޭގެ މުޖުތަމަޢަށް ބައްލަވާލައްވަމުން އައުރަ ނިވާވުމުގައި އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރޭގައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި އަންހެނުންނާއި ފިރހެނުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
ޑރ. އަލީ ޒާހިރު ވަނީ މިހާރު ވަރަށް ގިނަ ބަޔަކު ވާހަކަދެއްކުމުގައި ވަރަށް ހަޑިހުތުރު ބަސް ބޭނުންކުރާކަން ފާހަގަކުރައްވާފައެވެ. އަދި އެކަން އެހެން ނުކުރުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ޒަމާނީ އޮއިވަރުގައި ޖެހި ހިނގަމުންދާކަމެއްކަމަށާއި އެފަދަ ހަޑި ހުތުރު ބަސް ބޭނުންނުކޮށް ވާހަކަދެއްކުމުގައި އިސްލާމްދީނުގެ އަޚްލާގަށް ބަލައިގެން އެގޮތަށް ވާހަކަދެއްކުމަށްވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.
ޑރ. އަލީ ޒާހިރު ވަނީ ޒަމާނަށް އަންނަ ބަދަލުތަކާ ހެދި އަޅުގަނޑުމެންގެ މިސްރާބު ނުރަނގަޅު މިސްރާބަކަށް ދިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭނެކަމަށާއި މިކަން ކުރެވޭނީ މާތް ﷲގެ ދީނުގައި ހިފަހައްޓައިގެންކަމަށްވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!