ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑްއާއި ބާސެލޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސާ ޖެހިލައިފިއެވެ. ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާސާއާއި ސޮށިއެޑާޑް ބައްދަލުކުރި މެޗު ރޭ ދަންވަރު ކުޅެފައިވާއިރު، އިރާކޮޅު ސެވިއްޔާއާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން އެ ދެ ޓީމް މޮޅުވެފައިވާތީ، ރޭ ބާސާ ސޮސިއެޑާޑް މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. ދެ ވަނާގައި ސެވިއްޔާ އޮތްއިރު އެތުލެޓިކޯ އޮތީ ތިންވަނާގައެވެ. ސެވިއްޔާ ރޭ 3-2 ގެ ނަތީޖާއިން ލެވަންޓޭ ބަލިކުރިއިރު ހަމަ މި ނތީޖާއިން އެތުލެޓިކޯ މެޑްރިޑް ވަނީ ކަޑިޒް ބަލިކޮށްފައެވެ.

Ad
rt

ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު މިވަގުތު ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް 33 މެޗުން ލިބިފައި ވަނީ 78 ޕޮއިންޓެވެ. ދެވަނާގައި 32 މެޗުން ލިބުނު 63 ޕޮއިންޓާއިއެކު ބާސާ އޮތްއިރު، ތިންވަނާގައި އޮތީ 33 މެޗުން 63 ޕޮއިންޓް ހޯދައިގެން ސެވިއްޔާއެވެ. ހަތަރުވަނާގައި އޮތީ 33 މެޗުން ލިބުނު 61 ޕޮއިންޓާއިއެކު އެތުލެޓިކޯ މެޑްރިޑެވެ. ލީގުގައި ބާކީ ރެއާލަށް ފަސް މެޗު އޮތްއިރު، އެ ޓީމަށް ލީގު ކަށަވަރު ކުރުމަށް ބޭނުން ވަނީ އެންމެ ހަތަރު ޕޮއިންޓެވެ.

ރޭގެ މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ޑެމްބެލޭއަށް ލަނޑު ޖަހަން ލިބުނު ފުރުބަތުގައި ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޭގެ މިނެޓެއް ފަހުން ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބާސާގެ ފޯވާޑް އޮބާމިޔަން ވަނީ ލަނޑުޖަހައި ބާސާއަށް ލީޑު ނަގައިދީފައެވެ. މިއީ ސްޕެނިޝް ލީގުގައި އޮބާމިޔަން ބާސާއަށް ކާމިޔާބު ކޮށްދިން ނުވަވަނަ ގޯލެވެ.

ލަނޑަށް ފަހު ވެސް ބާސާގެ ފެރާން ޓޯރޭސްއާއި އޮބާމިޔަންގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނުނު ނަމަވެސް، ފުރަތަމަ ހާފުގެ ފަހުބައި ރެއާލް ސޮސިއެޑާޑުން ވަނީ ކޮންތްރޯލްކޮށް ބާސާގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. މިގޮތުން ސޮސިއެޑާޑްގެ އިސަކްއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސޮސިއެޑާޑުން ކުޅެފައިވާއިރު، ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް އެ ޓީމްގެ ފޯވާޑް އެލެކްސެންޑާ ސޯލޫތަށް ވަނީ ލިބި ބޭނުން ނުކުރެވިފައެވެ.