ޖަމާޢަތުގައި ނަމާދު ކުރުމަށް ސަފުހަދާއިރު، ސަފުތައް ސީދާކޮށް ސަފުގައިވާ ފަރާތްތަކުގެ ދެމެދުގައި ހުސްޖާގަ ނުހުންނާނޭހެން ސަފުހެދުމަށް އަހަމެރެންގެ ނަބިއްޔާ ވަނީ އަމުރު ކުރައްވާފައެވެ. އަދި ސަލަފުއްޞާލިހުން ވަނީ އެބޭފުޅުންގެ ޢަމަލުފުޅުން މިކަން ތަޠުބީޤު ކުރައްވާފައެވެ.
އަދި އެންމެ ފުރިހަމަ ނުވިކަމުގައިވީނަމަވެސް، ދުނިޔޭގެ ބައެއް ޤައުމުތަކާ އަޅާބަލާއިރު ދިވެހިންނަކީ ނަމާދަށް ސަފުހެދުމުގައި ރިވެތި ނަމޫނާއެއް ދައްކާ ބައެއްކަމުގައި ފެނެއެވެ. އެގޮތުން ނަމާދަށް ސަފު ހަދާފައި ތިބޭއިރު ސަފުތައް ތެދު ކުރުމާއި، ގާތްގާތުގައި ތިބުމަކީ މިހާރަކަށް އައިސް ފެންނަ ވަރަށް ރީތި ސިފައެކެވެ.
ނަމަވެސް ސަފުގައި ހުއްޓާ ޖެހިގެން ހުރިމީހާ ކޮންމެވެސް ސަބަބަކާހުރެ ސަފުންބޭރުވެގެން ގޮސްފި ނަމަ ދެން ހަދާނެ ގޮތެއް ގިނަ ފަހަރަކު ނޭގެއެވެ. ނަމާދުގަ ހުރެ މާގިނައިން ބޭކާރު ހަރަކާތް ކުރުމަކީ ނަމާދު ބާޠިލު ވާނޭ ކަމެކެވެ. ނަމަވެސް ޙާޖަތަކަށްޓަކައި ނުވަތަ ޟަރޫރަތަކަށްޓަކައި ކުރަން ޖެހޭ ޙަރަކާތެއް ކުރުމަކީ އެއީ ނަމާދަށް އޭގެއިން ނޭދެވޭ އަޘަރެއް ކުރާނޭކަމެއް ނޫނެވެ.
އެގޮތުން ނަމާދުގައި ސަފުތައް ސީދާކޮށް ގާތްގާތުގައި ތިބުމަކީ އެއީ ނަބިއްޔާ ކުރުމަށް އަމުރު ކުރައްވާފައިވާ ކަމެއްކަން މިހާރު އެނގިގެން ގޮސްފިއެވެ. އެހެންކަމުން ނަމާދުގައި ވަނިކޮށް މަތީގައި ޒިކުރުކުރެވުނު ފަދަ ކަމެއް މެދުވެރިވެގެން، ނަބިއްޔާގެ މިއަމުރަށް ތަބާވާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ޙަރަކާތް ކުރުމަކީ ޢިލްމުގެ އަހުލުވެރިން ދެކިލައްވާ ގޮތުގައި މުސްތަޙައްބު ކަމެކެވެ. އެގޮތުން ދުނިޔެ ފަހުގެ ތާރީޚެއްގައި ދެކެފައިވާ އެންމެ ވަރުގަދަ ޢިލްމުވެރިންގެ ތެރެއިން ދެ ޢިލްމުވެރިން ކަމަށްވާ ޝައިޚް އިބްނު ބާޒް އަދި ޝައިޚް އިބްނު ޢުޘައިމީން ވެސް ވަނީ މިފަދައިން ވިދާޅުވެފައެވެ. އަދި މިނޫންވެސް ޢިލްމުގެ އަހުލުވެރިން ގެބަހަކީވެސް މިއެވެ.
އެހެންކަމުން، މީގެ ފަހުން ތިބާ ނަމާދުގައި ހުއްޓާ ޙާޖަތެއް ޖެހިގެން ތިބާއާޖެހިގެން ސަފުގައި ހުރި މީހާ ސަފުން ބޭރުވެ، ގޮސްފިނަމަ، އަވަހަށް އެހުސްވާ ޖާގަ ފުރުމަށްޓަކައި އެދިމާލަށް ޖެހިލާށެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ މީހަކު ސަފުން ގޮސްފި ނަމަ، ޙަރަކާތް ކުރަން ޖެހޭނީ އެދިޔަމީހާގެ ކަނާތް ފަރާތުގައި ހުރިމީހާތޯއެވެ؟ ނުވަތަ ވާތްފަރާތުގައި ހުރި މީހާ ތޯއެވެ؟ ނުވަތަ އެދިމާލަށް ފަހަތުސަފުގައި ހުރިމީހާ ތޯއެވެ؟
ސަފު ހެދިފައިވާނީ އިމާމާއާ ދިމާލުން ދެފަރާތަށެވެ. ސަފު ހަދަން ޖެހެނީވެސް މިފަދައިންނެވެ. އެހެންކަމުން ހުސަޖާގަ ފުރަން ހަރަކާތް ކުރާ މީހާ ހަރަކާތް ކުރަންވާނީ އަބަދުވެސް ސަފު ފެށޭ ދިމާލަށެވެ. އެއީ ސަފުގެ މެދެވެ. މިޘާލަކަށް ސަފުގެ ކަނާތް ފަރާތުގެ ބައިން މީހަކު ސަފާ ވަކިވެގެން ގޮސްފިނަމަ، އެއުފެދޭ ހުސްޖާގަ ފުރުމަށްޓަކައި ހަރަކާތް ކުރަން ޖެހޭނީ އެދިޔަ މީހާގެ ކަނާތް ފަރާތުގައި ހުރި މީހާއެވެ. ދެން އެމީހާ ޙަރަކާތް ކުރުމާއެކު އޭނާއާ ޖެހިގެން ކަނާތަށް ހުރި މީހާވެސް ހުސްތަން ފުރާނީއެވެ. މިގޮތުން ކަނާތް ފަރާތުގައު ތިބި އެންމެން ހުސްތަން ފުރާ ނިންމާލާއިރު ސަފު އިންނާނީ ވަރަށް ރީތިކޮށެވެ.
އަދި އެހުސްތަން ފުރާލެވޭ އެހެން ގޮތެއްވެސް އެބައޮތެވެ. އެއީ މިސާލަކަށް ދެވަނަ ސަފުގައި ހުރި މީހަކު ގޮސްފިނަމަ އެދިމާލަށް ތިންވަނަ ސަފުގައި ހުރި މީހާ ދެވަނަ ސަފުން ހުސްވި ޖާގަ އަށް ޖެހިލުމެވެ. ދެން ކުރިން މި ބުނެވިދިޔަފަދައިން ތިންވަނަ ސަފުގައި ތިބ މީހުން ސަފުގައި އުފެދޭ ހުސްތަންތަން ފުރާލާނީއެވެ.
އަޅުގަނޑުމެންނަށް މިއީ ވަރަށް އާކަމެއް ކަމުގައި ފަހަރެއްގައި ވެދޭނެއެވެ. ނަމަވެސް ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކުގައި މިއީ މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އާދަވެގެން ކަން ކުރާ ގޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!