ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ، މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ.
ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ބިޝްވަޖިތު ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައިކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.
ބިޝްވަޖިތު އަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.
މީގެތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޯރ ހިމެނެއެވެ. މީގެއިތުރުން ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފައެވެ.
މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، އިންޓަރނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ވަނީ ހޯއްދަވާފައިކަމަށާއި ބީއެމްއެލްގެ ލީޑަރޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާކަމަށާއި އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދޭކަމަށެވެ.
ބިޝްވަޖިތު އަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަރޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާރޓާޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީ އިން އެލްއެލްބީ ހޯއްދަވާފައެވެ. އަދި ޔޫއެސްއޭ އިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒަރމިނަރ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް ވަނީ ހޯއްދަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!