އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ ޖުމްލަ 7 އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުޞަތުތަކެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމުގައާއި ރާއްޖޭގެ އިޤްތިޞާދީ އަދި ޘަޤާފީ މަޞްލަޙަތުތައް ކުރިއެރުވުމާއި އެ ޤައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
ފެންވަރު ރަނގަޅު ތަޢުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަޤްބަލަށް ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ޓަކައި ކޮންމެހެން ބޭނުންވާކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ، ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރްގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!