އަދިވެސް ފިޠުރު ޒަކާތް ނުދައްކަން؟ ދެއްކޭނެ ގޮތްތަކާއި ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް!

CC2C089D-0D43-4A25-B32C-691416B67636

ފިޠުރު ޒަކާތް ނުވަތަ زكاة الفطر އަކީ ރަމަޟާންމަހު ރޯދަހިފައި ނިމުމުން ޢީދު ނަމާދަށް މީހުން ނުކުތުމުގެ ކުރިން، އޭނާއާއި އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ޢީދުދުވަހާއި އެދުވަހުގެރޭ ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އޭނާގެ ފަރާތުންނާއި، އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ނެރުން ފަރުޟުކުރައްވާފައިވާ އެއްޗެކެވެ.

ފިޠުރު ޒަކާތުގެ ޙުކުމް

ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމު މިނިވަނެއްގެ މައްޗަށްވާ ފަރުޟެކެވެ. ކުޑަބޮޑު އެންމެން ހިމެނޭގޮތުންނެވެ.

ފިޠުރުޒަކާތް ވާޖިބުވަނީ ކޮންބައެއްގެ މައްޗަށް؟

ފިޠުރުޒަކާތް ވާޖިބުވުމުގެ ޝަރުތުތައް ފުރިހަމަވެއްޖެ ކޮންމެމީހެއްގެ މައްޗަށް ފިޠުރު ޒަކާތް ވާޖިބުވެގެން ވެއެވެ.

ފިތުރު ޒަކާތް ވާޖިބު ވުމުގެ ޝަރުޠުތަކަކީ:

އިސްލާމްކަން : ފިތުރު ޒަކާތަކީ ﷲ އާއި ކުއްތަންވެވޭ ކުއްތަން ވުމެއްކަމުގައްޔާއި، ރޯދަވެރިޔާ ބައެއް ކަންކަމުން ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައި ވާކަމަށްޓަކައި، ފިތުރު ޒަކާތް ނެރެންޖެހޭ މީހެއްގެ ކިބާގައި އިސްލާމްކަން ޝަރުޢުވެގެން ވެއެވެ. އެހެނީ ﷲ އަށް ކުއްތަންވުމާއި، ކުށްތަކުން ޠާހިރުވެގެން ދިއުންފަދަ ކަންކަމަކީ ކާފަރުންނަށް އެކަންކަމުގެ ނަޞީބު މިންވަރު ކުރައްވާފައިވާ ކަންކަމެއްނޫނެވެ. އެނަޞީބު އެދޭނަމަ ﷲ އަށް އިމާންވެ އެކަލާނގެއަށް ބޯލަނބާ ކިޔަވަން ގަންނަމީހަކަށް ވާންޖެހޭނެއެވެ.

ފިޠުރު ޒަކާތް ނެރުމުގެ ކުޅަދާނަކަން ލިބިގެންވުން:

ކުޅަދާނަކަށް ލިބިގެންތުން ކަމަށް ބަލާނީ، ޢީދު ވިލޭރެއާއި ޢީދުދުވަހު އެމީހަކާއި އެމީހާގެ ބެލުމުގެ ދަށުގައި އެމީހަކު ޚަރަދު ކުރަންޖެހިފައިވާ މީހުން ކައިބޮއެހަދާ މިންވަރަށްވުރެ އިތުރަށް އެމީހެއްގެ އަތުގައި ތަކެތި ހުރުމެވެ.

މިނިވަނަކަށްވުން: މިއީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ފިޠުރު ޒަކާތް ވާޖިބު ވުމުގެ ޝަރުތެކެވެ.

ފިޠުރު ޒަކާތް ވާޖިބުވާ ވަގުތު:

ފިތުރު ޒަކާތް ވާޖިބުވާ ވަގުތަކީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހަށް އިރުއޮއްސުމުންނެވެ. އެހެންކަމުން އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އުފަންވާ ކުއްޖާއަށްވެސް ފިތުރު ޒަކާތް ނެރެންޖެހޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމުގެ ކުރިން މަރުވެއްޖެ މީހާއަށް ފިތުރު ޒަކާތް އަދާންކޮށްދޭން ޖެހޭނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭ މިންވަރު:

ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭ ތަކެއްޗާއި ބާވަތާއި މިންވަރާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ފިތުރު ޒަކާތް އަދާކުރާނީ އޮށްޓަރާއި މޭވާގެތެރެއިން އެ ރަށެއްގެ އަހުލުވެރިންގެ، އާންމު ކާނާގެ ގޮތުގައި ބޭނުންކޮށް އުޅޭ ތަކެތިންނެވެ. ޒަކާތުގެ ގޮތުގައި ނެރެންޖެހޭ މިންވަރަކީ ޞާއެއްގެ މިންވަރެވެ. ބަރުދަނުން ބަލާނަމަ ޞާއެއްގެ މިންވަރަކީ ގާތްގަނޑަކަށް 2.5 އާއި ތިން ކިލޯއާއި ދެމެދުގެ މިންވަރެކެވެ.

ފިތުރު ޒަކާތް ހައްގުވާ މީހުން:

ފިތުރު ޒަކާތް ޙައްޤުވެގެންވަނީ މުދަލުގެ ޒަކާތްވެސް ހައްގުވެގެންވާ މީހުންނަށެވެ. އެއީ ފަގީރުންނާއި މިސްކީނުންނާއި، ޒަކާތް ނެގުމުގެ މަސައްކަތްކުރާ އާމިލުންނަށާއި، އަލަށް އިސްލާމުވާ މީހުންނާއި، ދަރަނިވެރިންނާއި، އަޅުން މިނިވަންކުރުމަށާއި، އަދި ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށާއި އަދި ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ.


ފިތުރު ޒަކާތް ދެއްކޭނެ ގޮތްތައް:

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކަން ބޭނުންވާނަމަ:

މާލޭ ސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ، މިހިނގާ އޭޕްރީލް މަހުގެ 21 ވީ ބުރާސްފަތި ދުވަހުން ފެށިގެން 30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00އިން  22:30 އަށެވެ.

(ރަށްރަށުގައި ކައުންސިލް އާއި ގުޅުއްވައިގެން އެރަށުގެ ތަފްސީލް ހޯއްދެވުން އެދެމެވެ.)

ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

  • - އާދައިގެ ހަނޑޫ: 12ރ.
  • - ތައިލެންޑް ހުދު ހަނޑޫ: 77ރ.
  • – ރަތް ހަނޑޫ: 72ރ.
  • – އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.
  • – މޮޅު ބާސްމަތީ ހަނޑޫ: 90ރ.
  • – އެންމެ މޮޅު ބާސްމަތީ ހަނޑޫ: 132ރ.
  • – އާދައިގެ ފުށް: 12ރ.
  • – އާޓާ ފުށް: 75ރ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް

މިއިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މާލޭ ސިޓީގައި ނަމަ ޒަކާތް ބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާއި ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުންނެވެ. ރަށްރަށުގައިނަމަ ކައުންސިލް އިދާރާތަކުން ނުވަތަ ކައުންސިލުން ކަނޑައަޅާފައިވާ ތަނަކުންނެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވާނަމަ:

ޒަމާނީ ޓެކްނޮލޮޖީއާއިއެކު މިހާރު ފިތުރު ޒަކާތުގެ ފައިސާ ދައްކަން ވެސް އޮފީސްތަކަށް ގޮސް ކިއުގައި ތިބޭކަށް ނުޖެހެއެވެ.

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ކައުންސިލް ތަކުން ކަނޑައަޅާފައިވާ ބޭންކް އެކައުންޓަތައް މެދުވެރިކޮން ބޭންކް ޓްރާންސްފަރ މެދުވެރިކޮން އަންނަނީ ފައިސާ ބަލައިގަންނަމުންނެވެ. އެކި ރަށްރަށުގެ ކައުންސިލްތަކުގެ އެކައުންޓް ނަންބަރު ތަފާތުވާނެއެވެ.

މީގެ އިތުރުން ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް ގިނަ ފަރާތްތަކެއް މެދުވެރިކޮން އެއިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އުރީދޫގެ އެމްފައިސާ އަދި އެސްއެމްއެސް

އެމްފައިސާއިން ޒަކާތް ދައްކަން ވަރަށް ފަސޭހައެވެ. ލޮގިން ކުރުމަށްފަހު ސާވިސަސް އިން ފިތުރު ޒަކާތް ސެލެކްޓް ކުރުމަށްފަހު ޒަކާތް ދައްކަން ބޭނުންވާ ބާވތަެއް ހިޔާރު ކުރަންވީއެވެ. އެއަށްފަހު ފައިސާ ދައްކަން މައުލޫމާތު ފުރިހަމަ ކުރުމުން ޒަކާތް ދެއްކުނީއެވެ.

އެމްފައިސާއަށް ރަޖިސްޓްރީ ކުރަން އުރީދޫ އެޕް http://ore.do/app ޑައުންލޯޑް ކުރުމަށްފަހު އެމް-ފައިސާ ހިިޔާރުކޮށް ރެޖިސްޓްރޭޝަނަށް ފިއްތާލަންވީއެވެ. އެއަށްފަހު މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރެވޭނެއެވެ.

އެމް ފައިސާ ވޮލެޓަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެއެވެ.

އުރީދޫ އެސް އެމް އެސް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން - #929*

  • ދިރާގުގެ ދިރާގު ޕޭ އަދި އެސްއެމްއެސް،

ދިރާގު ޕޭ ދިރާގު އޮންލައިން ޕޯޓަލް

ދިރާގު އެސް އެމް އެސް: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން -  #1*5*454*

  • މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް،

މޯލްޑިވްސް އިސްލާމިކް ބޭންކް ފައިސާ ޕޭ، ފައިސާ މޯބައިލް

  • ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް،

ބޭންކް އޮފް މޯލްޑިވް އޮންލައިން ޕޯޓަލް

  • ފަހި ޕޭ މެދުވެރިކޮށް

ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން

މި ޚިދުމަތްތައް މެދުވެރިކޮން ޒަކާތް ދެއްކޭނީ ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށެވެ.

ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

  • ބަނޑޭރި ޕޭ ޕޯޓަލް

ބަނޑޭރި ޕޭ

 

ފިޠުރު ޒަކާތް ބެހުން

ޒަކާތް ބަހަން ފަށާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ  ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 (އަށްހާސް ނުވަސަތޭކަ އަށްޑިހަ ހަތަރެއް) މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓު ގެ (ޒަކާތް ދެއްކުން) ކެޓަގަރީ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ޕޯޓަލްތަކަށް ވަދެވަޑައިގެންނެވޭނެއެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *