ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްއަށް ޓްވިޓާ ވިއްކާލުމަށް އެކުންފުނިން އެއްބަސްވެއްޖެ އެވެ.

ޓުވިޓާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މަހު 14 ގައި އީލޮން ހުށަހެޅި އަގަށް ޓުވިޓަރ ވިއްކާލަން އެއްބަސްވެފައިވާ ކަމަށެވެ. އެއީ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރުގެ ރޭޓުން ޖުމްލަ ގާތްގަނޑަކަށް 44 ބިލިއަން ޑޮލަރަށެވެ.

Ad
rt

މީގެ ކުރިން ޓްވިޓާގެ އެންމެ ބޮޑު އެއް ހިއްސާދާރަކީވެސް އީލޮން އެވެ. އީލޮން އަށް ޓްވިޓާ ވިއްކާލުމުން މިހާރު ވާނީ ޕްރައިވެޓް ކުންފުންޏަކަށެވެ. ކުރިން އެއީ އާންމުންނަށް ހިއްސާ ވިއްކާފައި އޮންނަ ޕަބްލިކް ކުންފުންޏެކެވެ. ޓްވިޓާ ގަތުމުގެ އެއްބަސްވުން ހަދަން އީލޮން ވަނީ 25 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ.

"ޑިމޮކްރަސީއެއް އެންމެ ފުރިހަމަ އަށް ހިނގާނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވެގެން. ޓްވިޓާއަކީ އިންސާނުންނާ ގުޅޭ އެންމެހާ ކަންކަން އެންމެ ފުޅާކޮށް ބަހުސްކުރެވޭ ތަން، އަހަރެން ބޭނުންވާނީ ކުރިއަށް ވުރެ ޓްވިޓާގެ ހިދުމަތް ރަނގަޅުކުރުމަށް އާ ފީޗާތައް ތައާރަފުކޮށް، މީހުން އިތުބާރުކުރާ އެއްޗަކަށް ހެދުމާއި މަކަރު ހަދާ މީހުންނަށް ފުރުސަތު ނުދޭ، އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް."

އެ ނޫސްބަޔާނާ އެކު ނެރުނު އީލޮންގެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން އެ ކުންފުނީގެ ބޯޑުން ގޮނޑިއެއް ދިނުމުން އެގޮނޑި ބޭނުން ނުވާކަމަށް ބުނެ، އަދި ފަހުން އަނެއްކާ ކުންފުނި ގަންނަން ހުށަހެޅިއެވެ. މިހުރިހައި ކަމެއް ހިނގީ މަހެއްހާ ދުވަ ތެރޭގަ އެވެ.

"އަޅުގަނޑަށް އެންމެ ހުތުރުކޮށް ފާޑުކިޔާ މީހުންވެސް ޓްވިޓާގައި ތިބޭނެ ކަމަށް ބަލަން، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އެއީ" މިދިޔަ ހޯމަ ދުވަހު އީލޮން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އީލޮންގެ އަތަށް ޓުވިޓާރގެ ބާރުތައް އެރުމާއިއެކު މީގެ ކުރިން ވަރަށް ހިފަހައްޓާފައިހުރި ކަންކަން ދޫކޮށްލާނެކަމަށް ބެލެވެއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ވިދާޅުވެ، މީގެ ކުރިން ޓުވިޓާގައި ޓުވިޓާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އީލޮން، އެ އެޕްގެ ހިއްސާ ގަތްކަން އިއުލާން ކުރެއްވީ މި މަހުގެ ހަތަރެއްގަ އެވެ.