މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށާއި ޖޯޖީނާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވިހެއުމުގެ ތެރޭ މަރުވެއްޖެއެވެ.
ރޮނާލްޑޯ މިރޭ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އޭނާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ވިހެއުމުގެ ތެރޭ މަރުވެފައިވާ ކަމަށާއި ނަމަވެސް އަންހެން ކުއްޖާ ސަލާމަތްވެފައިވާ ކަމަށެވެ. މިވަގުތު ލިބިފައިވާ ހިތާމައިން އަރައިގަތުމަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ ސަލާމަތްވި އަންހެން ކުއްޖާކަމުގައި ރޮނާލްޑޯ ވަނީ ފާހަގަ ކޮށްފައެވެ.
ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ ދަރިއަކު ނިޔާވުމަކީ ބެލެނިވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތާމަ ކަމަށެވެ. އިތުރަށް ބުނެފައި ވަނީ މަރުވި ފިރިހެން ކުއްޖާދެކެ އަބަދުވެސް ލޯބިވާނެ ކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ މި ދަނޑިވަޅުގައި ލިބިފައިވާ ފުން ހިތާމައިން އަރައިގަތުމަށް އޭނާއަށާއި އޭނާގެ ލޯބިވެރިޔާއަށް ވީހާވެސް ބޮޑަށް ޕްރައިވެސީ ދިނުމަށް އެދިފައެވެ.
މިކަމާއި ގުޅިގެން ރޮނާލްޑޯ ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ރޮނާލްޑޯއަށް ހިތްވަރު ދީފައެވެ. ޔުނައިޓެޑުން ބުނެފައިވަނީ ރޮނާލްޑޯއަށް ލިބޭ ހިތާމައަކީ ކުލަބަށް ވެސް ލިބިގެންދާ ހިތާމައެއް ކަމަށެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ އާއި އުމުރުން 28 އަހަރުގެ ޖޯޖީނާއަށް އެއްމާބަނޑު ދެކުދިން ލިބެންއުޅޭކަން އިއުލާން ކޮށްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުއެވެ.
މި ރޭ އުފަންވީ ކުއްޖާގެ އިތުރުން ރޮނާލްޑޯގެ ހަތަރު ކުދިން ތިބެއެވެ. އެއީ ހަތަރު އަހަރު ފުރިފައިވާ އެއްމާބަނޑު ދެ ކުދިންނާއި ތިން އަހަރު ފުރިފައިވާ އަންހެން ކުއްޖެއްގެ އިތުރުން 11 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެންމެ މަތީފަންތީގައި ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ކުޅެމުން އަންނަ ރޮނާލްޑޯއަކީ ދުނިޔެދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!