ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން ތައުރީފް ކުރަށްވައިފިއެވެ.

ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން މިއަދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އާއި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައި ބައްދަލު ކުރަށްވާފައެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ، ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ސަފީރު ވަނީ ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ އެޤައުމުގެ ފަތުރުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ޙާޞިލުކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ ޢަދަދެއްގެ އަންހެންކުދިންނަށް އެކަމުގެ ފަސޭހަކަން ލިބިގެންގޮސްފައިވާކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއްޤައުމަށް ދެމުން އަންނަ އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.