ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ އެކުދީން ތަރުބިއްޔަތަށް ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ސައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު، ސައިޚް އަނީލް މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ޕްރޮގްރާމްގައި "އެންމެ ރިވެތި ވާހަކަ" މި މައުޟޫޢަށް ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ސައިޚް އަނީލް ވިދާޅުވި ގޮތުގައި، ކުޑަކުދިން ނިންދަވާއިރު ބިރުގަންނަ ޒާތުގެ ވާހަކަތައް ކިޔައިދިނުމަކީ އެކުދިންގެ ތަރުބިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ.

އޭގެ ބަދަލުގައި އެ ކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަށާއި، މިފަދަ ވާހަކަތައް ކިޔައިދިނުމަކީ ދަރިންގެ ތަރުބިއްޔަތުގެ ވަރަށް ބޮޑު ބައެއްކަމަށްވެސް ސައިޚް އަނީލް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި ދެން އެ މައުލޫއަށް ވާހަކަ ދެއްކެވީ ޝައިޚް ނިމާލް އެވެ. މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައިޚް ނިމާލް ވިދާޅުވީ އެންމެ ރިވެތި ވާހަކަތައް ބަޔާންވެގެންވަނީ ކީރިތި ޤުރުއާނުގައިކަމަށެވެ. އަދި ޤުރުއާނުގައި ޙަކީމުންނާއި، ރަސްރަސްކަލުންގެ ވާހަކައާއި އަންހެން ބޭފުޅުންގެ ތެރެއިން މަރްޔަމްގެފާނާއި އާސިޔަތުގެފާނުގެ ވާހަކައާއި އަނިޔާވެރިވި މީހުންނާއި، ނަބީބޭކަލުންގެ ވާހަކަތައް ހިމެނޭކަމަށެވެ.

އޭގެ ތެރެއިން 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިންވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެވާހަކަ ޔޫސުފް ސޫރަތުގައިވާކަމަށް ވިދާޅުވިއެވެ. އަދި މި ސޫރަތަކީ އެއިން އެތައް ޢިބުރަތްތަކެއް ލިބޭ، ދިރިއުޅުމުގެ މައިދާނުގައިއާއި ދަރިން ތަރުބިއްޔަތުކުރުމުގައި މުޙިންމު މެސެޖްތަކެއް ލިބިގެންދާ ސޫރަތެއްކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.