މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ސިނާއި ރަށް، ކ. ތިލަފުއްޓަށް ވަޑައިގެން އެރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިނިސްޓަރުގެ ޝައުނާ ވަނީ، ތިލަފުށީގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ބުރާސްފަތި ދުވަހު އެރަށަށް ޒިޔާރަތް ކުރައްވާފައެވެ.
އެގޮތުން ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ދިމާވަމުން އަންނަ ދަތިތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރު އޮޅުން ފިލުއްވި ކަމަށް އެ މިނިސްޓްރީން ވިދާޅުވެފަވެއެވެ.
މިނިސްޓަރު ޝައުނާ ވަނީ ތިލަފުށީގައި ކުރިއަށްދާ ކުނި މެނޭޖް ކުރުމުގެ ބިޔަ މަޝްރޫޢު ކުރިއަށް ދާ ގޮތް ބެއްލެވުމަށް ކުރިން ވެސް އެރަށަށަށް އެކިފަހަރު މަތިން ވަޑައިގަންނަވާފައެވެ.
މިނިސްޓަރުގެ މިޒިޔާރަތުގައި އަރިހުގައި ވެމްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ވޭސްޓްޑިޕާރޓްމެންޓެގެ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން އިއްޔެ ވަނީ އެރަށް ދެ ގުނަ ބޮޑުކުރުމުގެ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން ބަޔަކު ހޯދަން އިއުލާން ކޮށްފައެވެ. އެމަޝްރޫއުގެ ދަށުން އެ ރަށުން ގާތްގަނޑަކަށް 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!