ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ދެ މަޤާމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ކުރިއަށް އެބަ ދެއެވެ.

ނޭކުރެންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބާއްވަންޖެހުނީ އެ ކޮމިޓީގެ ކުރިން ހުންނެވި ރައީސާ އަދި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Ad
rt

މިއަދު ވޯޓްލުން ފަށާފައި ވަނީ ހެނދުނު 08:00 ގައި ނޭކުރެންދޫ ސްކޫލްގައެވެ. އެގޮތުން މިހާތަނަށް 150 އެއްހާ ބޭފުޅުން ވަނީ އެރަށުގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓް ލާފައެވެ. މާލެ ސަރަހައްދުގައި ވޯޓް ފޮށި ބެހެއްޓިފައިވަނީ އިއްޒުއްދީން ސްކޫލްގައެވެ. ވޯޓް ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:00 ގައެވެ.

މިއިންތިޚާބަށް އެމް.ޑީ.ޕީ އިން 2 ބޭފުޅަކު، ޕީ.ޕީ.އެމް އިން 2 ބޭފުޅަކު އަދި ޢަދާލަތު ޕާޓީއިން 2 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ.

އެކޮމިޓީގައި މިވަގުތު ތިއްބެވީ ޢަދާލަތު ޕާޓީގެ މެމްބަރަކާއި ޕީ.ޕީ.އެމް ގެ މެމްބަރެއްގެ އިތުރުން އެމް.ޑީ.ޕީގެ މެމްބަރެކެވެ.