ހދ.އަތޮޅު ކައުންސިލުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް ގެ ރިޕޯޓް ކުށްވެރިކޮށްފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓަކީ މާތްވެގެންވާ އިސްލާމްދީނުގެ ނަން ކިލަނބުކޮށް ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތް ލޯބި އެއްފަރާތްކޮށް ނަފްރަތު އުފެއްދުމަށް ލިޔެފަރުމާ ކޮށްފައިވާ ރިޕޯޓެއް ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

Ad
rt

ހަމައެއާއެކު އެ ރިޕޯޓްގައި ރަސޫލާއަށް ބަދުބަސް ބުނުމާއި ޤުރުއާނުގައި ބަޔާންވެގެންވާ ކަންކަމަށް ފާޅުގައި ދެކޮޅު ހަދާފައި ވުމުން އެކަމަކީ ވެސް އެ ކައުންސިލަށް ބަލައިގަނެވޭނެ ކަމެއްނޫންކަމަށާއި އެހެންކަމުން، ހދ އަތޮޅު އެންމެހާ ރައްޔިތުންނާއި ހދ އަތޮޅު ކައުންސިލުގެ އެންމެހާ މެންބަރުންނާއި މުވައްޒަފުން އެމްޑީއެންގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު އަމަލަކަށްވީހިނދު މި ރިޕޯޓު ތައްޔާރުކޮށް ނެރުނު ފަރާތްތަކުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރީޔާއަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.