އެވިޑު ކޮލެޖުން ހިންގާ ހުރިހައި ކޯހެއްގައި ވަކި މޮޑިޔުލްއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދޭން ނިންމައިފިއެވެ.

އެކަން ޢިއުލާން ކުރެއްވީ، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް އެ ކޮލެޖުން މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ އެސެންބުލީގެ ތެރެއިން، އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤް ރަޝާދެވެ.

Ad
rt

މިއަދުގެ އެސެމްބްލީގައި ޗެއާމަން މުޝްތާޤްގެ އިތުރުން ކޮލެޖްގެ ރެކްޓަރ ޑރ. ސުނީނާއާއި، ވައިސްރެކްޓަރު ފަޔާޒްގެ އިތުރުން އެ ކޮލެޖްގެ ފެކަލްޓީތަކުގެ ޑީނުންނާއި، ބައެއް ޑެޕިއުޓީ ޑީނުން ވަނީ ވާހަކަ ދައްކަވާފައެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެ ކޮލެޖުގައި ވަނީ އާޓްސް އެންޑް ލިޓްރޭޗާގެ ނަމުގައި ފެކަލްޓީއެއް ވެސް އުފައްދާފައެވެ. އެ ފެކަލްޓީގެ ޑީންގެ މަގާމަށް ހަމަޖައްސަވާފައި ވަނީ ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އެވެ.

އާޓް ފެކަލްޓީގެ އިތުރުން އެ ކޮލެޖްގައި ގާއިމުކޮށްފައިވާ ފެކަލްޓީ ތަކަކީ، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް އެޑިޔުކޭޝަން، ފެކަލްޓީ އޮފް ހިއުމިނިޓީ އެންޑް ސޯސަލް ސައިންސް، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އަދި ފެކަލްޓީ އޮފް ފައުންޑޭޝަން ސްޓަޑީޒް އެވެ.

މި ފެކަލްޓީތައް މެދުވެރިކޮށް އެ ކޮލެޖުން އަންނަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރައްވަމުންނެވެ.