ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށްޓަކައި އެ މަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމަށް، "ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް"ގެ ނަމުގައި މިއަދު ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ.

Ad
rt

މިރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަ ކަމަށެވެ. އަދި މިއީ އެންމެ ދުވަހަކުން ވީ ކަމެއްވެސް ނޫން ކަމަށާއި، އެތައް ޒަމާންތަކެއްވަންދެން ކުންޏާމެދު އަމަލުކުރަމުން އައީ ހަމައެއް ލަމައެއް ނެތި ކަަމަށެވެ. އަދި ކުނި މެނޭޖްކުރުމުގެ ބަދަލުގައި ކުނިއައީ އުކާލަމުން، އަންދަމުން ކަމަށެވެ.

"‏މި ސަރުކާރުގެ އެންމެ މުހިއްމުއެއް އަމާޒަކީ ޒަމާނުއްސުރެ ކުންޏާމެދު ދެކެމުން އައި ގޮތް ބަދަލުކުރުން.ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުން މިއީ އަޅުގަނޑުމެންގެ ސިޔާސަތަކީ.މީގެ 50އަހަރު ކުރިއާ އަޅާ ބަލާއިރު ދިވެހިންގެ ދިރިއުޅުމަށް މިވަނީ އެތައް ބޮޑެތި ބަދަލުތަކެއް އައިސްފައި." މިނިސްޓަރު ވިދާޅުވިއެވެ.

‏ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ ކަމަށާއި، މިއަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކޮށް، އިސްރާފު ކުޑަކޮށް، އުކާލެވޭތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅޭ ވަރަށް ބޭނުންތެރި ފިޔަވަޅެއް އެޅިގެންދާ ދުވަހެއް ކަމަށް މިނިސްޓަރު ޝައުނާ ވަނީ ވިދާޅުވެފައެވެ.