ހދ. މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ، ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ގެއްލިފައިވާކަމަށާއި، މިވަގުތު މަކުނުދޫގައި އަމާންވެއްޓެއް ޤާއިމް ވެފައި ނެތްކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން މިހެން ވިދާޅުވީ، މަކުނުދޫގައި ވައްކަން އިތުރުވެފަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މަކުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި މަކުނުދޫ ކައުންސިލުން ވިދާޅުވީ، މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ގެއްލި، ރައްޔިތުންގެ
ކަންބޮޑުވުން އިންތިހާޔަށް އެބައޮތް ކަމަށެވެ. އެހެންކަމުން މިވަގުތު އެ ރަށުގައި އަމާންވެއްޓެއް ޤާއިމް ވެފައި ނެތްކަމަށް ކައުންސިލުން ދެކޭ ކަމަށެވެ.
"މި ޙާލަތަކީ ރައްޔިތުން އިތުރަށް ސަމާލުވެ ރައްޔިތުންގެ މުދަލަށް އިތުރަށް ރައްކާތެރިވާންޖެހޭނެ ވަގުތެއްކަމުގައިވެސް މިކައުންސިލުން ދެކެމެވެ. އަދި މަކުނުދޫގައި މިފަދަ ކުށްތައް ތަކުރާރުވެ އެދެވޭ ހައްލެއް އަދާއި ހަމައަށްވެސް ލިބިފައި ނުވާތީ، މި މަކުނުދޫގައި އަމާން ވެއްޓެއް ޤާއިމްކުރުމަށް މި ހިނދުން މިހިނދަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ކަމާބެހޭ އެންމެހާ މުޢައްސަސާތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މަކުނުދޫގެ ހާލަތު ބަޔާންކޮށް އެރަށުން "ތިލަދުން"އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެރަށުގައި ވައްކަން ކުރުން ހައްދުފަހަނައަޅާ ގޮސްފައިވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ ތެރޭން ބަޔަކު އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ސުލްހަވެރިކަމާއެކު ޝުއޫރު ފާާޅުކޮށްފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ވޭތުވި ދެ މަހެއްހާ ދުވަސް ތެރޭގައި މިފަދަ އަމަލުތައް އިތުރުވެ، އެރަށުގެ ފިހާރައަކާއި، ކެފޭ އަކާއި އަދި 4 ގެއެއް ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށް އެމީހުން ކިޔައި ދިނެވެ. އަދި އެރަށުން ޑިންގީ އެއް ވަގަށް ނަގާފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ. މީގެ ތެރެއިން 4 ގެއެއް ފަޅާލައި ވައްކަން ކޮށްފައި ވަނީ މި ރޯދަމަހު ކަމަށް ވެއެވެ.
މަކުނުދޫ އަކީ، އަތޮޅާއި ވައްކަން އޮންނަ، ބިމުގެ ގޮތުން 73 ހެކްޓަރުގެ ރަށެކެވެ. އެރަށުގެ އަބާދީ 1800 އަށް ވުރެ އިތުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!