އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ.

މި މެޗަށް ސިޓީއާއި ލިވަޕޫލް ނުކުތްއިރު، ދެ ޓީމުން މިފަހަރުގެ ލީގު ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް މި މެޗުގެ ނަތީޖާގެ މުހިންމުކަން އޮތީ ބޮޑުވެފައެވެ. ދެވަނާގައި އޮތް ލިވަޕޫލަށް މެޗު ކާމިޔާބު ކޮށްގެން އެއްވަނައަށް ޖެހިލެވެން އޮތްއިރު، ސިޓީއަށް މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގެން އޮތެވެ.

Ad
rt

ޕޮއިންޓް ތާވަލު އޮތް ގޮތަށް ބަލައިލާއިރު، ކުޅުނު 31 މެޗުން ލިބުނު 74 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ސިޓީއެވެ. ދެވަނާގައި ކުޅުނު 31 މެޗުން ލިބުނު 73 ޕޮއިންޓާއިއެކު އޮތީ ލިވަޕޫލެވެ. ތިންވަނާގައި 30 މެޗުން ލިބުނު 62 ޕޮއިންޓާއިއެކު ޗެލްސީ އޮތްއިރު، ހަތަރު ވަނާގައި 31 މެޗުން ލިބުނު 57 ޕޮއިންޓާއިއެކު އޮތީ ޓޮޓެންހަމްއެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސިޓީންނެވެ. މި ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި ބާނާޑޯ ސިލްވާ ދިން ބޯޅައެއް ހިފައިގެން ލިވަޕޫލް އޭރިއާ މައްޗަށްވަދެ ކެވިން ޑިބްރޭނާ ފޮނުވާލި ހަމަލާ ލިވަޕޫލުގެ ގޯލަށް ވަދެފައި ވަނީ އެ ޓީމްގެ ޑިފެންޑަރ މަޓިޕްގެ ފައިގައި ޖެހިފައި ގޮސް ގޯލުގެ ދުރު ކަނަށެވެ.

ލިވަޕޫލަށް މެޗުގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަ ކޮށްދީފައި ވަނީ މެޗުގެ 13 ވަނަ މިނެޓުގައި އާނޯލްޑް ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑިއެގޯ ޖޮޓާއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ކުރި ހޯދާފައެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގެބްރިއަލް ޖީސަސްއެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފު ފެށިތާ އެއް މިނެޓް ތެރޭ ސަލާހް ދިން ޕާހަކުން ސަޑިއޯ މާނޭއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސިޓީގެ ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސްޓާލުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ސްޓާލުން ބޯޅަ ލިބުނު އިރު އޮފްސައިޑްގައި ހުރުމުން އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ. ލެސްޓާސިޓީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކުރިއިރު، ނޯވިޗް ވަނީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ.