ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މިވަގުތު ކުލި ނުދައްކައި މަޑުކޮށްގެން ތިބުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވަނިކޮން، އެއްބަސްވުމުގައިވާ ގޮތުގެމަތިން މަހުން މަހަށް ދައްކަވަންޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ލުޔެއް ދެވެން ނެތް ކަމުގައި ބުނެފި އެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް އެކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ ގެތެރެއިން އެޕްރީލް 2012 ވަނަ މަހު ދައްކަވަން ޖެހޭ ފައިސާ 10 އެޕްރީލް 2012 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާއި (30 އެޕްރީލް 2022) ހަމައަށް އިތުރު ކުރަން ނިންމާފައިވާކަމަށެވެ.
"މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންގެ ޕޭމަންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު، އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެއެވެ."
އެޢިއުލާނުގައި ބުނެފައިވެއެވެ.
މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާގައި ދިރިއުޅެމުންގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ކުލި ދެއްކުމުގެ ކަންކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް، މާދަމާ 11 އެޕްރީލް 2012 އިން ފެށިގެން ކޮންމެ ރެއެކު 21:00 އިން 23:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
"މިގޮތަށް ނިންމިކަމުގައި ވީނަމަވެސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެވެސް ޖޫރިމަނާއަކާއި ނުލާ ކުލި ދެއްކުމުގެ އެއްމެ ފަހު ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަހެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ."
އެޢިއުލާނުގައި ބުނެފައިވެއެވެ.
ކުލި ނެގުން ފަސްކޮށްދިން ގްރޭސް ޕީރިއަޑްގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެ، މިމަހުން ފެށިގެން ކުލި ނަގަމުން ދާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން މި މަހުން ފެށިގެން މެއިންޓަނެންސް ފީ ހިމަނައިގެން ޖުމްލަ 8،500ރ މަހަކު ކުލީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި ހިޔާ ޔޫނިއަނުން ބުނީ، މިމަހުން ފެށިގެން ފްލެޓްތަކުން ކުލި ނަގާނެ ކަމަށް ބުނެ އެޗްޑީސީން ނެރުނު އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، މެއިންޓަނެންސް ފީ ހިމެނޭ ގޮތަށް ފްލެޓްތަކުން ކުލި ނަގަން އަންގާފައިވާ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ.
"މެއިންޓަނެންސް ފީ ނެގޭނީ އެގްރިމަންޓުގައި ބުނެފައިވާ ފަދައިން ކޮންމެ 2 ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑުތައް މެދުވެރިކޮށެވެ. އަދި މިކަން ޖުމްލަ 6 މަސް ދުވަހުގެ ތެރޭގައި އެޗްޑީސީން ނިންމަން ވާނެ ކަންވެސް ވަނީ ހިޔާގެ ވެރިންނާ އެކު ވެވިފައިވާ އެއްބަސްވުމުގައި ބުނެފައެވެ."
އެ ޔޫނިއަނުން ބުންޏެވެ.
އެ ސަބަބުތަކާ ހެދި، އަދި ހިޔާ ޝަހަރުގައި ހުރި ބައިވަރު މައްސަލަތަކާއި، ވަކިވަކި ފަރާތްތަކުގެ ހާލަތާއި، ރަމަޟާން މަހުގެ މި ދަނޑިވަޅުގައި ފްލެޓްތަކުން ކުލި ނެގުން އަވަސްކަމުގައިވެސް އެ ޔޫނިއަނުން ބުންޏެވެ.
އެހެންކަމުން މެއިންޓަނަންސް ފީ އާއި ކުލި ނެގުން މި ވަގުތަށް ހުއްޓާލުމަށް އެޗްޑީސީއަށް ގޮވާލައި، މިވަގުތު ކުލި ނުދައްކައި ތިބުމަށް ފްލެޓްތަކުގެ ވެރިންގެ ކިބައިން ހިޔާ ޔޫނިއަނުން ވަނީ އެދިފައެވެ.
އަދި ފްލެޓްތަކުގެ ކުލި ދެއްކުމުގެ ކަންކަން އޮމާން ކަމާއެކު ކުރިއަށްދާ ވާހަކައާއި ފްލެޓްތަކުގެ ކުއްޔާ ގުޅިގެން ބޮޑު ޝަކުވާއެއް ނުލިބޭކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުޙައިލް އަޙުމަދު ވިދާޅުވެފައިވާ ވިދާޅުވުންވެސް އެ ޔޫނިއަނުން ވަނީ ކުށްވެރިކޮށްފައެވެ.
"ހިޔާ ޔޫނިއަނުން މިހާރުވެސް މި ގެންދަނީ ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމާއި އަދިވެސް ހުރި އެތައް އެތައް މައްސަލަތަކަށް ވަކާލާތުކޮށް ހައްލު ހޯދަން މަސައްކަތް ކުރަމުންނެވެ."
އެ ޔޫނިއަނުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!