އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިޢުމަތްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައިއެވެ.
ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި ކަން ނައިބު ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ. އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ހިދުމަތްތައް ލިބިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިގޮތުން ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.
އަދި މިފަދަ ބޮޑު މަސައްކަތެއް ކުރިއަށް ގެންދާއިރު މި ފަސް ސަރަޙައްދަށާއި މުޅި ޞިއްޙީ ދާއިރާއަށް ބޭނުންވާ މިންވަރަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެ މަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!