އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި މަޝްރޫޢުތަކަކީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ރާއްޖެއަށް އެންމެފަހުން ކުރެއްވެވި ދަތުރުފުޅުގައި އިޢުލާންކުރަށްވާފައިވާ މަޝްރޫޢުތަކެކެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު އެންމެފަހުން ރާއްޖެ ވަޑައިގަތީ އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހުއެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢެއް ހިންގަން ނިންމާފައި ވަނީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ގްރާންޓް އެސިސްޓަންޓް ސްކީމްގެ ދަށުންނެވެ. އަދި މިއީ ސިއްޙީ ޙިދުމަތާއި، ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމަށް އަމާޒުކޮށް ހިންގަން ނިންމާފައިވާ މި މަޝްރޫތަކެކެވެ.
މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމާފައިވާތީ، އެކަން ފާހަގަ ކުރަށްވާ ކުޅުދުއްފުށީ އުތުރުދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކުވެރޭ އޯޑިއޮލޮޖީ ޔުނިޓާއި އެކު އަޑުއިވުމުގެ އަދި ކަންފަތުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ފަރުވާ ހޯދުމުގައި އެތަކެއް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރުމުގެ އިތުރުން އިންޑިއާގެ އެހީގައި އަލަށް ފަށަން ނިންމާފައިވާ މަޝްރޫޢުތައް:
- ނ. ނިލަންދޫ މާބުދުގެ އާއި ތ.ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒަމްތައް
- ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް
- ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޮޓިކްސް ފެސިލިޓީ
- އދ. ދިއްގަރުގައި ޒުވާނުންގެ މަރިކަޒު
- ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރިކަޒު
- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓް
މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ހިނގާނެކަމަށް އަންދާޒާކުރެވޭކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!