މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ރަސްމީ ޙަފްލާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމައި، ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް ފާސްކޮށްފައި ވަނީ މާލެ ކައުންސިލްގެ 4 ވަނަ ދައުރުގެ 47 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާތަކާއި ރަސްމީ އިވެންޓުތަކާއި ޕްރެސް ކޮންފަރެންސް ފަދަ ރަސްމީ އިވެންޓުތައް ލައިވްކޮށް ބްރޮޑްކާސްޓުކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއިން ހަމަޖެއްސުމަށް ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީ ކަންކަން ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައިކަަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ޖަލްސާތަކުގެ އެޖެންޑާ އާއި ޖަލްސާތަކުގައި ކައުންސިލުން ނިންމާ ނިންމުންތައް ގިނަ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ސާފުވެގެން ދާނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މިދައުރުގައި ކައުންސިލްގެ ރަސްމީ ޖަލްސާ ތަކާއި، އެނޫންވެސް ރަސްމީ އެކި ހަފްލާތައް ކައުންސިލްގެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ދަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. މިއާއި އެކު މިފަދަ ބައްދަލުވުންތައް ބްރޯޑްކާސްޓް ކުރަން ފެށިގެން ދިއުމަކީ ކައުންސިލާއި ރައްޔިތުންނާއި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމެއް ކަމުގައި ކައުންސިލުން ދެކިލަށްވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ، އެ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވުމަށް ވެސް ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!