މީހުން ތަމްރީން ކުރުމަށް ފެނަކައިން އުފެއްދި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސަޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ޓްރޭޑް ޓެސްޓިން ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދުއެވެ. އެއާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި އެތަން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

Ad
rt

ފެނަކަ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ހަފުލާއެއްގައި ޓްރޭޑް ޓެސްޓިން ސެންޓަރު ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ އަހުމަދު ނަޝީދުއެވެ. އޭނާ ވިދާޅުވީ، ޓްރޭޑް ޓެސްޓިންގެ އަމަލީ މަސައްކަތް ފެނަކަ އިންސްޓިޓިއުޓުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ވަނީ ގާއިމުކޮށްފައެވެ. އަދި ޓްރޭޑް ޓެސްޓިން އެންޑް ސަޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ގައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ދޭ ގައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑް ތަކުގައި ކަނޑައަޅާފައިވާ ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައެވެ.

ފެނަކަ އިންސްޓިޓިއުޓްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، ވިލާ ކޮލެޖް އަދި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވަނީ ޓްރޭޑް ޓެސްޓް ސެންޓަރުތަކެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ.