ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް، ވިސާމް އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ މަގާމުން އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީއިން ރޭ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަފީރު ކަމުގައި ހުންނަވައިގެން ރާއްޖެއަށް އެކަމަނާ ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ސަފީރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށެވެ.
"މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ޙައްގެވެ. މި ފުރުޞަތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވަމެވެ." ވިސާމް ވިދާޅުވެފަވެއެވެ.
އަޅުގަނޑު ސަފީރު ކަމުގެ މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައެވެ. މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ޙައްގެވެ. މި ފުރުޞަތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވަމެވެ.
— Visam (@visamali) April 6, 2022
ވިސާމަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ. ވިސާމް ވެސް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަށްވާފައެވެ. މި ސަރުކާރު އައިއިރު ވިސާމް ދިރިއުޅުއްވަމުން ގެންދެވީ މެލޭޝިޔާގައެވެ.
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ވިސާމް އައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!