ޒަމާނަށް ފެތޭ، ކުންފުންޏާބެހޭ ޤާނޫނެއް އޮތުމަކީ ބަވަނަވަމުންދާ ޒަމާނެއްގައި މުހިންމުކަމެއްކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ބަހުސްގައި މިއަދު މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މިހާރު އަމަލުކުރެވެމުންދާ ކުންފުންޏާބެހޭ ޤާނޫނަކީ 1996 ވަނަ އަހަރު ވުޖޫދަށް ގެނެވުނު ޤާނޫނެއްކަން ފާހަގަކުރަށްވަމުން ނާޒިމް ވިދާޅުވީ، ވޭތުވެދިޔަ ސައްބީސް އަހަރަށް ބަލާއިރުގައި އެ ޤާނޫނުގައި ހުރި އުނި ކަންތައްތަކާ ހެދި، ޙަޤީޤަތުގައި ކުންފުނިތައް ހިންގުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ކުންފުނީގެ ބިލަކީ، މުހިންމު ކަންތަކެއް ހިމަނައިގެން އަދި ޚާއްޞަ ގޮތެއްގައި މި ޒަމާނަށް ފެތޭ ގޮތަށް އޮތް ބިލެއްކަން ފާހަގަ ކުރަށްވާ ކަމަށެވެ.

މި ބިލުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މިހާރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ދަތިތަކަށް މި ބިލުން ފަސޭހަކަން ލިބިގެން ދިޔުންކަމަށް ނާޒިމް ވަނީ ފާހަގަ ކުރަށްވާފައެވެ.

"ކުރީގައި ބިލުގައި ހުރި އުނިކަންކަމުގެ ތެރޭގައި، ޒަމާނާ ގުޅޭ ގޮތަށް ނޫނީ ދުނިޔޭގެ އިންޓަރނޭޝަނަލް ޕްރެކްޓިސްއާ އެއްގޮތަށް ކަންކަން ކުރެވިފައިނެތުމުގެ ސަބަބުން ކުންފުނިތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން އަޅުގަނޑަށް ފާހަގަކުރެވޭ. ޚާއްޞަ ގޮތެއްގައި ޝަރުޢީ މަރުޙަލާތަކުގައި ކުންފުނިތަކުގައި ހުރި މައްސަލަތަކުގައި ތަފާތު އުނދަގޫތައް ކުރިމަތިވިކަން އަޅުގަނޑުމެން ފާހަގަކޮށްލަން އެބަ ޖެހޭ." ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުރިހަމަ ކުންފުނީގެ ޤާނޫނެއް ނެތުމުގެ ސަބަބުން ކުރީގައި ކޯޓުން ނިންމާފައި ހުރި ބައެއް މައްސަލަތައް، ގާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުޢާހަދާތަކަށް ރިޢާޔަތްކޮށްގެންވެސް ނިންމާފައިވާ ކަމަށެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލަކީ، ދުނިޔޭގެ އިންޓަރނޭޝަނަލް ޕްރެކްޓިސްއާ އެއްގޮތަށް ހެދިފައި އޮތް ބިލަކަށް ހެދުމަށް އެ ބިލުގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށާއި، އަދި ޒަމާނަށް އައި ބަދަލާ އެކީ، އަދި ޚާއްޞަ ގޮތެއްގައި ބަވަނަކުރެއްވި ދުނިޔެއަކަށް މިދުނިޔެ ވާއިރުގައި، ދިވެހިރާއްޖޭގެ ކުންފުނިތަކާ ބެހޭ ބިލަކީ އެންމެ އެކަށީގެންވާ ގޮތަށް ހެދިފައިވާ ބިލެއްގެ ގޮތަށް ހެދުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެއްވޭކަމަށް ނާޒިމް ވިދާޅުވިއެވެ.

ޒަމާނަށް ފެތޭ ޤާނޫނަކަށް އަމަލުކުރުމަކީ ބަވަނަވަމުންދާ ޒަމާނެއްގައި މުހިންމުކަމެއް ކަމަށާއި، މިބިލަށް ބަލައިލާއިރު މިބިލްގެ ދެވަނަ ބާބުގައި ކުންފުނީގެ ބާވަތްތައް ވަކިވަކިން ބަޔާންކޮށް، އެއިން ކޮންމެ ބާވަތެއްގެ ތަފްސީލް ބަޔާންކުރެވިފައިވާތަން ފެންނަ ކަމަށާއި، ނަމަވެސް 1996ގައި ވުޖޫދުވެފައިވާ ކުންފުންޏާ ބެހޭ ޤާނޫނުގައި މިބާވަތްތައް މިހާ ސާފުކޮށް ބަޔާންކުރެވިފައެއް ނެތްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިބިލްގެ ސަބަބުން ކުންފުނި އުފައްދަން ބޭނުންވާ ފަރާތްތަކަށް ކްލެރިޓީ ލިބިގެން ދާނެކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

"މީގެ އިތުރުން މިބިލްގެ 6 ވަނަ ބާބުން ކުންފުނީގެ މެންބަރުންގެ ހައްގުތަކާއި، ބާރުތަކާއި، ޒިންމާތަކާއި، ޑިރެކްޓަރުންގެ ބާރުތަކާއި، ޒިންމާތަކާއި މަސްއޫލިއްޔަތު ރަނގަޅަށް ތަފްސީލްކޮށްދީފައިވާކަން ފާހަގަކުރެވޭ. އަދި ހަމަ އެހެންމެ ކުންފުނީގެ ބިލްގެ 8 ވަނަ މާއްދާގައިވަނީ ފޮރިން އިންވެސްޓްމެންޓް ކުންފުނިތަކަކީ ކޮބައިކަމާއި، ފޮރިން އިންވެސްޓްމެންޓް ކުންފުންޏެއް ރަޖިސްޓްރީ ކުރެވޭނީ ނުވަތަ ކުންފުންޏެެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ގޮތްވެސްވަނީ ސާފުކޮށް ބަޔާންކޮށްފަ." ނާޒިމް ވިދާޅުވި

އަދި މި ބިލްގެ 65 ވަނަ މާއްދާގައިވަނީ ކޯޕަރޭޓް ވެއިލް ނެގުމުގެ އުސޫލުވެސް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށާއި، މިގޮތުން ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތު ބޭނުންކުރުމުން ކޯޓު އަމުރަކަށް އެދެވޭނެފަރާތާއި އިތުރު ތަފްސީލް ބިލްގައި ބަޔާންކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް 1996ގެ ޤާނޫނަށް ބަލައިލާނާމަ މި އުސޫލުތައް އެހާ ސާފުކޮށް ލިޔެވިފައި ނުވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ޖުމްލަކޮށް ބަލައިލާއިރު މިބިލަކީ ވަރަށް ފުރިހަމަޔަށް ޑްރާފްޓްކުރެވިފައިވާ ބިލެކެވެ.