އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑްބޭންކް ގުޅިގެން ހިންގަމުން އަންނަ "ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޯވިޑުގެ ތެރޭގައި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ހާއްސަ ކޯސްތަކެއް ހިންގަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ ކޯސްތަކުގެ ތެރެއިން، ވަޒީފާއަށް ބޭނުންވާ ތަމްރީނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

Ad
rt

މި ޕްރޮޖެކްޓްގެ ދަށުން އެ މިނިސްޓްރީ އިން ތިން ޕްރޮގްރާމެއް ހިންގާން ވަނީ ރާވާފައެވެ. އެއީ އެކައުންޓިން އާއި އިންޕޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އާއި ޑައިވިންއާ ގުޅޭ ތަމްރީން ޕްރޮގްރާމަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ތެރޭ ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ. ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުން ގަޑިތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ.

މި ޕްރޮގުރާމުތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށެވެ.