ރަސްގެފާނާއި ބޮޑުވަޒީރަށްވުރެ މަތިން ހިންގި ދައުލަތް

214828375_10162423991840898_954533543740641103_n

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

ދިވެހިރާއްޖޭގެ ތަޚުތުގައި ރަސްކަލަކު އިންނެވިއެވެ. ބޮޑު ވަޒީރުގެ މަޤާމުގައިވެސް ބޭފުޅަކު ހުންނެވިއެވެ. އެ ދެ ބޭފުޅުން ތިއްބެވިޔަސް ދިވެހި ދައުލަތް ހިންގެވުމުގެ ވެރިޔަކީ ވަޒީރެކެވެ. ވަޒީރުއްދާޚިލިއްޔާއެވެ. އެއީ މިހާރުގެ ގޮތުން ނަމަ ހޯމް މިނިސްޓަރެވެ. ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އެވެ. ވަޒީރުލްއައުޡަމް (ބޮޑު ވަޒީރު) އަކީ އަލްއަމީރު މުޙައްމަދު ފަރީދު ދީދީއެވެ. ރަދުންނާއި ބޮޑުވަޒީރަށްވުރެ މަތިން ދިވެހި ދައުލަތް ހިންގެވީ ވަޒީރުލްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. އެމަނިކުފާނަށް ފަހު އަލްއަމީރު މުޙައްމަދު އަމީނެވެ.

ހާލަތު ފުރޮޅިގަތްއިރު ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. ލިޔެވިފައި އޮތް ޤާނޫނު އަސާސީއެއް ރާއްޖޭގައި އޮތެވެ. ޤާނޫނު އަސާސީގައި ބުނާ މަޖިލިސްތައް ވެސް ހުއްޓެވެ. ވަޒީރުންގެ މަޖިލިހާއި ރައްޔިތުންގެ މަޖިލިހާއި ޚާއްޞަ މަޖިލިހެވެ. އެކަމަކު ސިޔާސީ ބާރާ އެއްކޮޅަށް ކަންކަން ބަދަލުވަމުން ފުރޮޅެމުން ދިޔައީއެވެ.

މި ބަދަލު ފެށުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު (3ވަނަ) ގެ ރަސްކަން ނިމުނު ހިސާބުންނެވެ. އެ ރަދުން ރަސްކަމުގެ ތަޚުތުގައި އިންނަވަނިކޮށް ކުށްވެރިވެގެން ރަސްކަމުން ދުރުކުރެވުނު ހިސާބުންނެވެ. އެއީ 2 އޮކުޓޫބަރު 1934 އެވެ. އެ ދުވަހަކީ ވަޒީރުއްދާޚިލިއްޔާގެ ހައިސިއްޔަތުން އަލްއަމީރު ޙަސަން ފަރީދު ދައުލަތުގެ ހުންގާނު އަތުލެއްވި ދުވަހެވެ.
ޝަމްސުއްދީން ރަދުންގެ ރަސްކަން ނިމުމުން ދައުލަތް ހިންގުމުގެ ހުވާކުރެއްވީ ވަޒީރުންގެ މަޖިލިހުންނެވެ. އެއީ ލިޔެކިޔުމުގައި ހުންނަގޮތެވެ. ފަސް މަހެއްހާ ދުވަސް ދިވެހި ތަޚުތު ފަޅަށް ހުރުމަށްފަހު ވަޒީރުލްއަޢުޡަމް މުޙައްމަދު ފަރީދުގެ ރިޔާސަތުގައި މަޖިލިހެއް ބާއްވާ ރަސްކަލަކަށް އިންތިޚާބުކުރީ އައްސުލްޠާން ޙަސަން ނޫރައްދީން (2ވަނަ) އެވެ. އެއީ 14 ފެބުރުވަރީ 1935 އެވެ. އަލަށް ތަޚުތުގައި ރަސްކަލަކު އިށީންދެވަޑައި ގަތަސް އެ ރަދުންވީ ދައުލަތް ހިންގެވުމުގެ ބާރެއް ނެތް ވަރަށް ރަމްޒީ ބޭފުޅަކަށެވެ. ސަރުކާރާއި މުޅި ދައުލަތް ހިންގަވަމުން ގެންދެވީ ޙަސަން ފަރީދެވެ.

ޙަސަން ފަރީދަށް މިވަރުގެ ސިޔާސީ ބާރެއް ލިބިވަޑައިގެންނެވީ ކިހިނެއްތޯ ސުވާލު އުފެދޭނަމަ އެ ސުވާލުގެ ޖަވާބަކީ އެއީ އެ މަނިކުފާނުގެ ޝަޚްސިއްޔަތުގެ ވަރުގަދަ ކަމެވެ. ރަދުންނާއި ބޮޑު ވަޒީރުގެ ކިބަގައި އެވަރުގެ ޝަޚްސިއްޔަތެއް ނެތްކަމެވެ. ޙަސަން ފަރީދުގެ ބައްޕާފުޅު ޢަބްދުލްމަޖީދު ރަންނަބަޑޭރިކިލެގެފާނަކީ ރައްޔިތުންގެ ވަރަށް ބޮޑު މަޤުބޫލުކަމަކާއި ސިޔާސީ ވަރަށް ވަރުގަދަ ބާރެއް ލިބިވަޑައިގެން ހުންނެވި ދައުލަތުގެ މުސްތަޝާރުލްއަޢުޡަމް ކަމަށް ވީކަމެވެ. އެއީ އިނގިރޭސިބަހުން ނަމަ ޗީފް އެޑްވައިޒަރެވެ. މި ހުރިހާ އެޑްވާންޓޭޖެއް ނަންގަވަން އަލްއަމީރު ޙަސަން ފަރީދަށް އެނގިވަޑައިގަތުމާއި ކެރިވަޑައިގަތުމެވެ.

ޙަސަން ނޫރައްދީން ރަދުން ރަސްކަމުގެ ތަޚުތުގައި އިންނަވައެވެ. ބޮޑުވަޒީރު މުޙައްމަދު ފަރީދު ވެސް އުޅުއްވައެވެ. ޙަސަން ފަރީދު ބޭނުންފުޅުވާ ބޮޑެތި ބަދަލުތައް އެކި ފަހަރުމަތީން ޤާނޫނު އަސާސީއަށް އައީ ގެންނަވަމުންނެވެ. މިގޮތުން އަލްއަމީރު ޙަސަން ފަރީދު ބޭނުންފުޅުވާ ގޮތްގޮތަށް ނިޒާމު ބައްޓަން ކުރައްވަމުން ގެންދަވަނިކޮށް 1939 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ޚަބަރު ރާއްޖެއަށް ލިބުނެވެ.

އެ ޚަބަރު ލިބުމާއެކު ވަޒީރުންގެ މަޖިލިހާއި ރައްޔިތުންގެ މަޖިލިހުން ފާސްކުރައްވައިގެން ހަނގުރާމައިގެ ސަބަބުން އަންނާނޭ ނުރައްކާތަކަށް ފެނިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރެއްވުމުގެ އިޚްތިޔާރު ޙަސަން ފަރީދަށް އެރުވިއެވެ. ޖެހިގެން އައި އަހަރެވެ. 1 ޖަނަވަރީ 1940 ގައި ޚާއްޞަ މަޖިލިސްގެ ޖަލްސާއަކުން ޤާނޫނު އަސާސީއާއި އަޙްކާމްޢާންމު އުވާލައްވައިފިއެވެ. ”މި ރާއްޖޭގެ ޙާލާ އެކަށީގެން ނުވާތީ" އެވެ. އަދި ”އަލްއަމީރު ޙަސަން ފަރީދު ދީދީއަށް، ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ ވަލީ އޮތުމަށް ފެނިގެން“ އެކަން ވެސް ފާސްވެއްޖެއެވެ.

މި ނިންމެވުންތައް ތަޞްދީޤު ކުރެއްވީ ކީރިތި މަހާރަދުން އައްސުލްޠާން ޙަސަން ނޫރައްދީނެވެ. ނުރަސްމީ ގޮތެއްގައި ރާއްޖޭގައި ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ޙަސަން ފަރީދަށް މި ހިސާބުން ރަސްމީ ސިފައެއްގައި ރާއްޖޭގެ ވެރިކަމުގެ ބާރު ލިބިވަޑައިގަތީކަމަށް ދެންނެވިދާނެއެވެ.

ޙަސަން ފަރީދު ބޭނުންފުޅުވާ ގޮތަށް ދައުލަތުގެ ކަންތައްތައް ބައްޓަން ކުރައްމުން ޤައުމު ހިންގަވަމުން ވަޑައިގެންނެވިޔަސް އަދި އެ ނިންމުންތައް ރަދުން ތަޞްދީޤު ކުރެއްވިޔަސް ޙަސަން ފަރީދާއި ނޫރައްދީން ރަދުންނާއި ބޮޑު ވަޒީރު މުޙައްމަދު ފަރީދާ ތިން ބޭފުޅުންގެ މެދުގައި ސިޔާސީ ނުތަނަވަސް ކަމެއް އޮތެވެ. އެކަން އެނގެނީ ހިނގާފައިހުރި ކަންތައްތަކުންނެވެ. ދައުލަތުގެ އެންމެމަތީ ވަލީ ޙަސަން ފަރީދަށް ދެއްވި ފަހުން ރަދުންގެ ސިޓީފުޅަކުން ދައުލަތުގެ ބޮޑެތި ބާރުތަކެއް ވަޒީރުލްއަޢުޡަމަށް ދެއްވިތަން ފެނުނެވެ. އަދި އުވާލެވިފައިވާ ޤާނޫނު އަސާސީގެ ދަށުން ޚާއްޞަ މަޖިލިސް ރަދުން އެއް ކުރައްވައި ޙަސަން ފަރީދާއި ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނާ ދެ ބޭފުޅުންގެ ދެ ސިޓީ ފުޅެއް އިއްވެވިތަން ވެސް ފެނުނެވެ.

ދިވެހި ދައުލަތުގެ އެންމެމަތީ ވަލީ ޙަސަން ފަރީދު ދީދީ ޤަބޫލުފުޅު ނުކުރެއްވި ކަމާއި އެންމެ މަތީ ވަލީ އޮތީ ރަދުންނަށް ކަމަށް އެންގެވިއެވެ. އަދި އެ ވަލީ ވަޒީރުލްއަޢުޡަމާ ރަދުން ހަވާލުކުރެއްވި ތަން ވެސް ފެނުނެވެ. އެކަމަކު ޙަސަން ފަރީދަށް އޮތް ބާރާއި އިޚްތިޔާރަކަށް ބަދަލެއް ނާދެއެވެ. މި ކަންކަމާ ގުޅިގެން ޙަސަން ފަރީދު އެންގެވީ ވަޒީރުލްއަޢުޡަމްކަން ހިންގަވާނީ ވަޒީރުއްދާޚިލިއްޔާ މެދުވެރިކުރައްވައިގެންކަމަށެވެ. އެއީ އަލްއަމީރު ޙަސަން ފަރީދެވެ.

އަޖައިބެއްފަދަ މި ސިޔާސީ ރޭހުގައި ދައުލަތުގެ ބޮޑުން ތިއްބަވަނިކޮށް ރާއްޖެ ބަނޑަށްޖެހި ބައެއް ރަށްރަށުން މީހުން ބަނޑަށް މަރުވާން ފެށިއެވެ. ހަނގުރާމަ އެންމެ ބޮޑުވެފައި ވަނިކޮށް 12 ޖަނަވަރީ 1942 ގައި ޙަސަން ފަރީދު ޗުއްޓީއެއް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ދައުލަތުގެ ބާރުތައް ދޫކޮށްލެއްވީއެވެ. ޚުދުމުޚުތާރުކަމާއެކު ހިންގެވި ވެރިކަން ދެން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަން ޔަގީންވެވަޑައި ގަތީއެވެ. ވަޒީރުންގެ މަޖިލިހުގެ ޖަލްސާއެއްގައި ޙަސަން ފަރީދު ޗުއްޓީއަކަށް އެދިވަޑައިގަތުމުން އެ މަނިކުފާނުގެ މަސްއޫލިއްޔަތުތައް ވަޒީރުންގެ މަޖިލީހުން ޙަވާލުކުރެއްވީ މުޙައްމަދު އަމީނުއާއެވެ. ފުރަތަމަ އެމަނިކުފާނު ހުންނެވީ ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަޤާމް (ނާއިބު) ކަމުގައެވެ. ފަހުން ވަޒީރުއް ދާޚިލިއްޔާގެ މަޤާމުގައެވެ.

ޗުއްޓީއާ ހިސާބުން ޙަސަން ފަރީދުގެ ވެރިކަން ނިމުމަކަށް އައީއެވެ. އެ ވެރިކަން އޮތީ 2 އޮކުޓޫބަރު 1934 އިން ފެށިގެން 12 ޖަނަވަރީ 1942 އަށެވެ. މި ތާރީޚުން ފެށިގެން މުޙައްމަދު އަމީން ދިވެހި ދައުލަތް ހިންގަވަން ފެށްޓެވީއެވެ. ބޮޑު ވަޒީރާއި ރަދުންނާ ދެ ބޭފުޅުން 1943 އެޕްރީލް މަހުގެ 7 ވަނަ ދުވަހުއާއި 8ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ހަމައަށް ދިވެހި ދައުލަތް ހިންގަވަމުން ވަޑައިގަތީ މުޙައްމަދު އަމީނެވެ. ފަހުން ވެރިކަން ހިންގުމަށް ވަލީ ކޮމެޓީއެއް އެކުލަވާލެވުނެވެ. އެކަމަކު ބާރުތައް އޮތީ ވަޒީރުއްދާޚިލިއްޔާގެ ހައިސިއްޔަތުން އަލްއަމީރު މުޙައްމަދު އަމީނަށެވެ.

ރަދުން އާއި ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ގެ މަޤާމަކީ ދަރަޖައިގެ ގޮތުން މާ މަތީ ދެ މަޤާމުކަމަށް ވިޔަސް އެ ދުވަސްވަރު، "ދިވެހި ދައުލަތް ހިންގުމުގެ ވެރިކަން" ކުރެއްވި ދެ ބޭފުޅުންނަކީ އަލްއަމީރު ޙަސަން ފަރީދާއި އަލްއަމީރު މުޙައްމަދު އަމީނެވެ. އެއީ ރަސްގެފާނާއި ބޮޑުވަޒީރާ ހުންނަވަނިކޮށް އެ ދެ ބޭފުޅުންގެ މަތިން ހިންގެވި ވެރިކަމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *