ސްކޫލަކަށް ވަދެ، ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ މެޖިސްޓްރޭޓެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މ. މުލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި ހދ. ނޭކުރެންދޫ ގުލާބީގޭ، ހުސައިން އާމިރުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ފަހެއްްގެ ކްލާސް ރޫމަކަށް ވަދެ، އެ ކްލާހުގައި އިން ކުއްޖެއްގެ ގައިގައި އޭނާ އަތްލި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކު ކޯޓުގައި ހެކިބަސް ދީފައެއް ނުވެ އެވެ. ހާޒިރުކުރި ހެކިވެރިޔާ ހެކިބަސް ދޭން ބޭނުމެއް ނުވި އެވެ. އަދި ކުޑަކުއްޖާގެ ތަހުގީގު ބަޔާން ފިޔަވައި އިތުރު ހެއްކެއް ނެތުމުން މެޖިސްޓްރޭޓް އާމިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އާމިރަށް ދައުވާ ކުރިޔަސް، އޭނާ ސަސްޕެންޑެއް ނުކުރެ އެވެ. އެކަމަކު 2018 ވަނަ އަހަރު އޭނާ މ. ދިއްގަރު ކޯޓުން އެ އަތޮޅު މުލީ ކޯޓަށް ބަދަލުކުރި އެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން އެދިގެން ރައްޔިތުންގެ މަޖިލީހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!