ގއ. މާމެންދޫގައި މިދިޔަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން ވެސް އެކަމަށް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ.

އުމުރުން 17 އަހަރުގެ އުދައްޔުއަށް ހަމަލާދީ، މަރާލުމުގެ ދައުވާލިބެނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.

Ad
rt

ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ވަކިވަކިން ދައުވާ އިއްވުމުން ތިން މީހުން ވެސް ދައުވާއަށް އިންކާރުކުރި އެވެ. އަދި ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ކޯޓުން ދިނެވެ.

އެކަމަކު ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ. ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ. އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އުދައްޔުގެ މަރާ ގުޅިގެން އިތުރު ކުޑަކުއްޖެއްގެ މައްޗަށް ވެސް ޖުވެެނައިލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލަ ހިންގަނީ ވަކިންނެވެ.