މިނިސްޓްރީ އޮފް ޑިފެންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު އައްޔަނުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، ޑިފެންސްގެ ޕީއެސްގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޕަރމަނަންޓް ސެކްރެޓަރީއަކީ، އޭނާ ވަޒީފާ އަދާ ކުރާ މަސްއޫލު އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސްއޫލު އޮފީހާއި މަސްއޫލު ދާއިރާގެ އެންމެހައި ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލައި، އިސްވެރިޔާގެ އިރުޝާދާ އެއްގޮތަށް އެ ކަންތައްތައް ތަންފީޒުކޮށް ހިންގައި ބެލެހެއްޓުމުގެ ޒިއްމާދާރު އިސްވެރިޔާއެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަކީ ދަރަޖައިގެ ގޮތުން ޑެޕިއުޓީ މިނިސްޓަރާ އެއްފަންތީގެ މަޤާމެކެވެ.
ދިވެހި ސިވިލް ސާވިސް ޤާނޫނުގެ 62 ވަނަ މާއްދާގައި ބުނެފައިވާގޮތުން ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ކޯޑް އޮފް ކޮންޑަކްޓާއި، މި ގަވާއިދުގެ ދަށުން ހިންގަންޖެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭ އަދި އެ ކަންކަމަށް ޒިންމާވެ ޖަވާބުދާރީވާނެ، ސިވިލް ސަރވިސްގެ އިސްވެރިޔަކު ހުންނަންވާނެއެވެ. މިގޮތުން މަސްއޫލު އޮފީސްތަކުގެ ތެރެއިން މިނިސްޓްރީތަކާއި، ބަންޑާރަ ނާއިބުގެ އޮފީހުގައި ހުންނާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން، މިނިސްޓަރުގެ ލަފާއާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން އެ މިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުމެވެ.
މިނިސްޓަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި، އެ މިނިސްޓްރީއެއްގެ ދާއިރާއާގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް އެހީތެރިވެދޭނީ ޕަރމަނަންޓް ސެކްރެޓަރީއެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީ ވަޒީފާއަދާކުރާ ދާއިރާގެ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހާ ކަންތައްތައް ހިންގައި ބަލަހައްޓާނީ ޕަރމަނަންޓް ސެކްރެޓަރީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!