ށ. ބިލެތްފަހި ކައުންސިލްގައި ތިއްބެވި ޕްރޮގްރެއްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ކައުންސިލަރުންގެ ފަރާތުން އެ ރަށުގައި ފިނިމައިޒާނެއް ތަރައްގީކޮށްފިއެވެ.
ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދު "ތިލަދުން"އަށް ވިދާޅުވީ، ބިލެތްފަހީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ ތިން މެންބަރުންގެ ފަރާތުން ތަރައްގީކުރި މި ފިނިމައިޒާނަކީ ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ތަނެއްކަމަށެވެ.
އެ ފިނި މައިޒާން ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށާއި، މި މައިޒާނުގެ ސަބަބުން އެކުވެރިކަމާއެކު ވަގުތުތައް ހޭދަކޮށްލައި، ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެން ދާނެ ކަމަށް ޒިޔާދު ފާހަގަ ކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ޕީޕީއެމް ކައުންސިލަރުންގެ ފަރާތުން ދޭ ރޯދަ ހަދިޔާއެއް، މި ހަދިޔާ ޚާއްޞަކޮށްފައި ވަނީ ރަށުގެ ދޮށީ އުމުރުގެ ބޭފުޅުންނަށް، އެ ބޭފުޅުން މުނިފޫހިފިލުވައި، އަރާމްކޮށްލައި ވަގުތު ހޭދަކޮށްލަން" ޒިޔާދު ވިދާޅުވިއެވެ.
އެ މައިޒާން ތަރައްގީކޮށްދީފައި ވަނީ އެފަދަ މައިޒާނެއް ހަދައިދިނުމަށް ރަށުގެ ދޮށީ އުމުރުގެ މީހުން ޕީޕީއެމް ކައުންސިލަރުން ގާތުގައި އެދުމުންކަމަށް ޒިޔާދު ވިދާޅުވިއެވެ.
މައިޒާން ހުޅުވުމުގެ ތެރެއިން،
ޒިޔާދު ވިދާޅުވީ، ރަށުގެ ހަރު، ދޮށީ އުމުރުގެ މީހުންނަކީ ރަށަށާއި، ޤައުމަށް ނުހަނު އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދީފައިވާ ބަޔެއް ކަމަށާއި، އެފަރާތްތަކަށް ހިތްހަމަޖެހުމެއް ހޯދައިދިނުމުގައި ބައިވެރިވުމަކީ ބިލެތްފަހީ ޕީޕީއެމް ކައުންސިލަރުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބިލެތްފަހީގެ އުތުރުފަރާތުގައި ހަދާފައިވާ މި ފިނިމައިޒާން ތަރައްގީ ކުރުމަށް ދިޔަ ހުރިހާ ޚަރަދެއް ވެސް ކޮށްފައި ވަނީ ބިލެތްފަހި ޕީޕީއެމް ކައުންސިލަރުންގެ އަމިއްލަ ޖީބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!