ރަމަޟާން މަހުގެ ދުވަސް ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ފަށާށެވެ. އަދި ފަތިސްނަމާދަށް ބަންގި ގޮވުމާ ގާތް ކޮށްފައި ހާރު ކާށެވެ. ހާރުކެއުން ފަސްކުރުން ސުންނަތްވެގެންވެއެވެ. ހާރު ކެއުމަށްފަހު، ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިއުމަށް ނުކުންނާށެވެ. މިސްކިތަށް ގޮސް، މިސްކިތު ސުންނަތް ދެރަކުޢަތް ކުރުމަށްފަހު ޤުރްއާން ކިޔަވަން ނުވަތަ ޒިކުރު ކުރަން އިންނާށެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އެބަންގިއަށް އިޖާބަދީފައި ފަތިސް ނަމާދުގެ ސުންނަށް ދެރަކުޢަތް ކުރުމަށްފަހު ގަމަތް ދެންނެން އިޚްލާސްތެރިކަމާއެކު ދުޢާ ކުރަން އިންނާށެވެ. މިއީ ދުޢާ އިޖާބަ ކުރެއްވޭ ވަގުތެކެވެ. ދެން ނަމާދުކޮށް އަވަދިވެގެން އިރު އަރަންދެން މިސްކިތުގައި ޒިކުރުކުރުމަށް ނުވަތަ ޤުރްއާން ކިޔަވާލަން މަޑުކޮށްލާށެވެ. އަދި އިރު އެރުމަށްފަހު ފަނަރަ ވަރަކަށް މިނިޓު ކޮށްފައި ޟުޙާނަމާދު ކޮށްލާށެވެ.

Ad
rt

އެއަށްފަހު އެދުވަހުގެ މަސައްކަތްތަކަށާއި އަޅުކަންތައް ކުރުމަށް ހަށިގަނޑުގައި ވަރު ޖެއްސުމަށްޓަކައި ގެއަށްގޮސް ކުޑަކޮށް ނިދާލާށެވެ. ނިދިން ހޭލުމަށްފަހު ވަޒީފާއަށް ދާން ޖެހޭ ފަރާތްތަކުން ގަޑިއަށް ވަޒީފާއަށް ދާނީއެވެ. ވަޒީފާގެ މާޙައުލުގައިވެސް ތިމާގެ ދޫ ﷲއަށް ޒިކުރުކުރުން މަތީގައި ހަރަކާތް ކުރުވާށެވެ. އެއްވެސް ވަގުތުކޮޅެއް ބޭކާރު ކޮށްނުލާށެވެ.

ޤުރްއާނުން ހިތުދަސްވެފައިވާ ސޫރަތްތައްވެސް ކިޔަވާށެވެ. އެއީ ސޫރަތުއް ޟުޙާއިން ތިރި ނަމަވެސް ރަނގަޅުވާނެއެވެ. ވަޒީފާއަށް ނުދާ ފަރާތްތަކުން ގޭގައި ތިބެ، މެންދުރު ނަމާދަށް ބަންގި ގޮވަންދެން ގޭގެ މަސައްކަތްތަކާއެކު، އެކިއެކި އަޅުކަންތައް ކުރުން މަތީ ތިބޭށެވެ. ހަނދާންކޮށް ގިނައިން ޤުރްއާން ކިޔަވާށެވެ. މިއީ ޤުރްއާނުގެ މައްސަރެވެ.

މެންދުރު ނަމާދަށް ފަހުވެސް ޤުރްއާން ކިޔަވަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ. ނުވަތަ މަސައްކަތުގެ ވަގުތު ނިންމާލުމަށްފަހުވެސް އަޅުކަންތަކާއިގެން ކުރިއަށްދެވިދާނެއެވެ. އަދި މެންދުރު ނަމާދާއި އަސުރުނަމާދުގެ ދެމެދުގައިވާ ވަގުތުތައް ރަނގަޅަށް ބަހާލައިގެން ކުރިއަށްދާށެވެ. އަރާމު ކުރާނެ ވަގުތުކޮޅެއްވެސް ހޯދާލުން ރަނގަޅެވެ. ހަމައެހެންމެ، އަޅުކަން ކުރުމާއި، ބާޒާރު ކުރުމާއި މިނޫން ވެސް ކުރަންޖެހޭ ކަންކަން ކުރުމަށްފަހު އަސުރުނަމާދު ވަގުތު ޖެހެންވާއިރަށް އަސުރު ނަމާދަށް ތައްޔާރުވާށެވެ.

އަސުރު ނަމާދު ފަހުން ވަރަށް ގިނަ މިސްކިތްތަކުގައި ދީނީ ދަރުސްތައް ދިނުން އޮންނާނެއެވެ. މިފަދަ ދަރުހެއް އޮތް މިސްކިތަކަށް ދެވޭތޯ ބަލާށެވެ. އަދި ދަރުސްދޭ ވަގުތު ކަނުލައި އަޑައަހާށެވެ. ދަރުހުން ނުކުމެގެން އަވަހަށް ގޭގެ އަހުލުވެރިންނަށް އެހީތެރިކަމުގެ އަދެއް ފޯރުކޮށްދޭން ގެއަށް ދާށެވެ. އެއީ ބަދިގޭގެ ބައެއް ކަންކަމުގައި އަނބިމީހާ ނުވަތަ މަންމަމެންނާ އެހީތިރިވުން މަކުގައިވެސް ވެދާނއެއެވެ. ނުވަތަ ދަރިންނާ އެކު ވަގުތު ހޭދަކުރުން ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ފަރާތަކަށްމެ އެދޭންޖެހޭ ޙައްޤު ބަރާބަރަށް ދޭންވާނެއެވެ.

މަޣްރިބު ނަމާދު ބަންގިއާއެކު ރޯދަވީއްލާށެވެ. ރޯދަ ވީއްލުމުގެ ކުރިން ޤުރްއާން ކިޔަވާލުން ނުވަތަ ޒިކުރުކޮށްލައި، ދުޢާކޮށް ހަދާލުން ފަދަ ކަމަކަށް ވަގުތުކޮޅެއް ހުސްކޮށްލަންވާނެއެވެ. ރޯދަ ވީއްލުމަށް މިސްކިތަށްވެސް ދެވިދާނެއެވެ. ނުވަތަ ގޭގެ އަހުލުވެރިންނާއެކު ގޭގައިވެސް ރޯދަ ވީއްލިދާނެއެވެ.

ނަމަވެސް ޖަމާޢަތަށް މިސްކިތަށް ދާންވާނެއެވެ. ރޯދަވީއްލާ ވަގުތު ބަނޑު ފުރައި ނުކާށެވެ. ރޯދަ ވީއްލާ ވަގުތަކީ ދުވާލު އެއްކޮށް ނުކައި ހުރި ހުރިހާ ކެއުންތަކެއް ގަޟާ ކުރާ ވަގުތެއް ނޫނެވެ. މާގިނައިން ކައިފި ނަމަ، އިޝާ ނަމާދާއި ތަރާވީޙު ނަމާދު ކުރަން އުނދަގޫވެދާނެއެވެ. މަޣްރިބު ނަމާދާއި އިޝާ ނަމާދު ދެމެދަކީ އާއިލާ އެއްކޮށް ހަމަޖެހިލައިގެން ބައްދަލުވާ ވަގުތުކަމުގައި ވެދާނެއެވެ. އެހެންކަމުން މިވަގުތު ކޮޅުގައި އާއިލާގެ މެމްބަރުންނާއެކު ކޮންމެވެސް ފައިދާ ކުރަނިވި ކަންތައްތަކެއް ކޮށްލާށެވެ.

ޢިޝާނަމާދަށް ޖަމާޢަތަށް ގޮސް، ޢިޝާނަމާދާއިއެކު ތަރާވީޙްނަމާދުވެސް އިމާމުމީހާއާއެކު ކުރުމަށްފަހު ގެއަށް އަންނާށެވެ. އަދި ހާރު ކެއުމާ ހަމައަށް ހުރި ވަގުތުތައް ތިމާއާ އެކަށީގެންވާ ގޮތެއްގެ މަތިން ބަހާލާށެވެ. އޭގެތެރޭގައި ނިދައި އަރާމު ކުރުމަށް ވަގުތު ދޭށެވެ. އަދި އަޅުކަންތައް ކުރުމަށްވެސް ވަގުތު ދޭށެވެ. އޭގެ ތެރެއިންވެސް ޤުރްއާން ކިޔެވުމަށާއި ރޭއަޅުކަމަށް ބޮޑު އިސްކަމެއް ދޭށެވެ.

ހުކުރު ދުވަސް ފަދަ ޗުއްޓީ ދުވަހެ އަތުވެއްޖެ ނަމަވެސް މިބީދައިން ދުވަހުގެ ތާވަލު ތަރުތީބުކޮށްލާށެވެ. މަސައްކަތަށް ދާން ނުޖެހުމުން އެހުސްވާ ވަގުތުތަކުގައިވެސް ކޮންމެވެސް ކަހަލަ އަޅުކަމެއް ކޮށްލާށެވެ. އަދި މި މަހުގައި ޤުރްއާނުގެ ތަރުޖަމާ ވީހާވެސް ބޮޑަކަށް ކިޔާލައި ޤުރްއާނުގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކޮށް ތަދައްބުރު ކުރަން ވަގުތު ކޮޅެއް ހޯދާލާށެވެ. މިއީ ނަފްސު އިސްލާޙު ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ. ނަމާދުގެ ޖަމާޢަތަށް ފަރުވާތެރިވާށެވެ.

ޝައިޠާނީ ބޭކާރު ކަންކަމުގައި ދުވަހުގެ އެއްވެސް ވަގުތު ކޮޅެއް ހޭދަ ނުކުރާށެވެ. މުނިފޫހި ފިލުވުމުގެ ނަމުގައި ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ފޮނުވާ ފިތުނަ ފަސާދު ތަކުގެ އަވާގައި ނުޖެހޭށެވެ.

މިއީ އަޅުކަމުގެ ބަހާރު މޫސުމެކެވެ. މުނިފޫހި ފިލުވުމުގެ މޫސުމެއް ނޫނެވެ. މިރަމަޟާން މަސް ނިމިގެންދާއިރު މިފަހަރުވެސް ކަމެއް ނުކުރެވުނޭ ކިޔައި ދެރަވެ އިސްޖަހާލައިގެން ހުރެ މި މަހާ އަލްވަދާޢު ކިޔާ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތް ކުރާށެވެ.