މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ.
ރަމަޟާންމަހުގެ 1ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ ވިދާޅުވެފައެވެ.
މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން 13:00އާއި ހަމައަށެވެ. މާލެ ސިޓީ ފިޔަވާ ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުންނެވެ.
އިސްލާމިކު މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން އޮންލަންކޮށް ޒަކާތް ދެއްކޭ ގޮތް މިފަހަރުވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
މީގެ ކުރީގެ އަހަރުތަކުގައި ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ވަކި މިންވަރެއް ދައްކަން ޖެހެއެވެ. ނަމަވެސް މިއަހަރު ގެނައި ބަދަލުތަކާއެކު ފިތުރު ޒަކާތް ދައްކަން ކަނޑައަޅާ މިންވަރަކީ، އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބަލައިގަންނަ މިންވަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ފިތުރު ޒަކާތުގެ ގޮވާމުގެ އަގު:
- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 77 ރުފިޔާ
- ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 76 ރުފިޔާ
- ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 90 ރުފިޔާ
- ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 132 ރުފިޔާ
- ރަތް ހަނޑުލުންނަމަ 72 ރުފިޔާ
- އާދައިގެ ފުށުންނަމަ 12 ރުފިޔާ
- އާޓާ ފުށުންނަމަ 75 ރުފިޔާ
ހޯމަ ދުވަހުގެ ނިއުސްކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިން ފެށިގެން ކަމަށް ވިދާޅުވިއެވެ.
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.
ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނު އިރު، 9،041 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާ އިރު، 1،263 މީހުންގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 7778 މީހުންނެވެ.
ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 7،245 މީހުންނަކީ އަތޮޅުތެރެއިން ރެޖިސްޓްރީކުރި މީހުންނެވެ. މިދިޔަ އަހަރު އަތޮޅުތެރެއިން ރަޖިސްޓްރީކުރީ 6،258 މީހެކެވެ. މިއީ 987 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރު މާލެ ސަރަހައްދުން 1،796 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި އިރު، މިދިޔަ އަހަރު މާލެ ސަރަހައްދުން ރަޖިސްޓްރީ ކޮށްފައި ތިބީ 1،520 މީހެކެވެ. އެހެންކަމުން މިއީ 276 މީހުންގެ އިތުރުވުމެކެވެ.
މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިތުރު ޒަކާތް ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ފިތުރު ޒަކާތް ވާޖިބުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކެއްވެއެވެ. އެއީ ޢީދުދުވަހާއި އެރޭ އޭނާއާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ މީހުންގެ ކެއުމާއި އެހެނިހެން އަސާސީ ބޭނުންތައްފުއްދޭނެ މިންވަރުގެ ފައިސާ ނުވަތަ ތަނަވަސްކަން ހުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!