ހުޅުމާލެ ފޭސް ދެއެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓްރަކެއްގެ ދަށުވެ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 35 އަހަރުގެ އަންހެނަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އެމަޖެންސީގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

Ad
rt

ފުލުހުން އިތުރަށް ބުނީ މިއަދު ހަވީރު އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާން ހުރަސްކުރާ ބްރިޖުން ދިޔަ ސައިކަލަކާއި ޓްރަކެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފިޔަވައި، އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އެސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ނެވެ.

އެކްސިޑެންޓްވި ސައިކަލި އޮތީ ވަރަށް ބޮޑަށް ހަލާކު ވެފަ އެވެ. ސައިކަލު އޮތީ ޓްރެކްޓަރުގެ ކުރީ ފޮރޮޅުގެ ދަށުގައި ތާށި ވެފަ އެވެ. މަޑިވެސް އޮތީ ނެއްޓި ޓުރެކްޓަރުގެ ފަހަރުގަ އެވެ. އެސަރަހައްދުގައި ލޭގެ އަސަރު ފެންނަ އެބަހުއްޓެވެ.

އެސަރަހައްދުގައި ހުރިމީހަކު މިނޫހަށް މަޢުލޫމާރު ދެމުން ބުނީ އެއަންހެން މީހާގެ ފައި ޗިސްވެފައިވާ ކަމަށެވެ.

މިއީ މީގެ ކުރިން ވެސް، ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައިވާ ސަރަހައްދެކެވެ.