ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް ހޯދި ވޭނެއް ގަބޫލުކުރަން ކައުންސިލުން ދެކޮޅު ހަދާތީ އަމިއްލަ މީހެއްގެ ގަރާޖަށް އެ ވޭން ގެންދަން އެރަށު ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

ކުޅުދުއްފުށީ ހިޔާ ގަރާޖުން ކައުންސިލަށް ވޭނެއް ގެންނަން މިދިޔަ އަހަރު އެއްބަސްވުމެއް ހެދުމަށްފަހު ވޭން ގެނެސް، ކައުންސިލް އިދާރާގައި ބޭއްވި އެވެ. އެކަމަކު މިހާރު އޮތް ކައުންސިލުން އެ ވޭނާ ހަވާލުވާން ދެކޮޅު ހެދީ އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިފަހުން ވޭން ގެނެސްފައިވާތީ ކަމަށް ބުނެ އެވެ. އަދި ވޭން އަނބުރާ ގެންދިއުމަށާއި އަދި އެއަށް ކައުންސިލުން ދެއްކި ފައިސާ އާއި ގެއްލުމުގެ ބަދަލަށް 700،000ރ. ހޯދަން ކައުންސިލުން އެ ރަށު ކޯޓުގައި ދައުވާކުރި އެވެ.

Ad
rt

އެ މައްސަލަ ނިމެންދެން އެ ވޭން ހިޔާ ގަރާޖަށް ގެންދަން ކައުންސިލުން އެދުމުން ހިޔާ ގަރާޖުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އެރަށު ކޯޓުން އަމުރުކުރީ ވޭން އަނބުރާ ގެންދިއުމަށެވެ. ހިޔާ ގަރާޖުގެ ވެރިފަރާތުން ހައި ކޯޓަށް ދިއުމުން އެ ކޯޓުގެ އުތުރު ގޮފިން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ އެ ވޭން ގެނެސްދިނުމުން މަސައްކަތް ނިންމިކަމުގެ ލިޔުމެއް އެ ކައުންސިލުން ހިޔާ ގަރާޖަށް ދިނުމަށްފަހު ވޭނާ ހަވާލުވެފައިވާ ކަމަށެވެ.

ކައުންސިލްގެ މިލްކުގައި އޮތް ވޭނެއް އަމިއްލަ މީހެއްގެ ގަރާޖުގައި ބާއްވަންޖެހޭ ސަބަބެއް ނެތް ހައި ކޯޓުގެ ހުުކުމުގައި ބުނެފައިވެ އެވެ. އަދި އެ ވޭން ކައުންސިލްގައި އޮތުމުން ގެއްލުންތަކެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެފައި ވިޔަސް، އެ ވޭން އަމިއްލަ މީހެއްގެ ގަރާޖުގައި ބޭއްވުމުން އެ މީހާއަށް ލިބޭނެ ގެއްލުން މާ ބޮޑު ކަމަށް އެ ހުކުމުގައިވެ އެވެ.