2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމެންޓަކީ، އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގެ ޤާބިލްކަން، ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަމަށެވެ.

އެއީ ރާއްޖެ - ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށާއި، މިކަމަށްޓަކައި މީގެ ކުރިން މި މަސައްކަތް ކުރެއްވި ހުރިހާ ސަރުކާރުތަކަށް ރައީސް ވަނީ ޝުކުރު ދަންްްނަވާފައެވެ.

"89 އަހަރުވިޔަސް، ޙަޤީޤަތުގައި ފުލުހުންނަށް ބޭނުންވާ، ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގައި. ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ބެރެކްސްތަކާއި، މަސައްކަތްކުރާ މާޙައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަކަށްވެސް ފުރިހަމަވެފައެއް ނެތް. ލިބޭ ހުނަރާއި ތަމްރީނާ އެކުއެކީ، ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި، ވެހިކަލްތަކާއި، އެހެނިހެން ވަސީލަތްތައްވެސް މުހިންމު" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނު އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން ސަލާމަތީ ޚިދުމަތްތަކުގައި، މި ދަތި އޮންނަ މިންވަރު އިންތިހާއަށް ފާހަގަކުރެއްވޭ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރާނީ، ފުލުހުންނަށް އޮތް މި ބުރަ ލުއިކުރުމަށް ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކަމަށެވެ.

އެމަނިކުފާނު އެންމެފަހުން ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެންމެ ޢާންމު ބޭނުމަކަށް ރައްޔިތުން އެދުނީ، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކަމަށާއި، ގިނަ ސިޓީތަކާއި ރަށްރަށުގައިވެސް މިކަން އޮތީ މިހެން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް އެބަ ޤާއިމުކުރެވޭ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުން މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޢުމްރާނީ ވަސީލަތާއެކުއެކީ، ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު ދަނީ އަލިވަމުން ކަމަށާއި، މިއީ ރައްކާތެރި، އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއް ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ ރޭގެ ވާހަކަފުޅުގައި ވަނީ މިވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ، މި ސަރުކާރާއި ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ރައްޔިތުން ބޭނުންވީ، ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިޙްސާސްވުން ކަމަށް ވިދާޅުވިއެވެ.

"ފުލުސް ޔުނިފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ޙިމާޔަތް ކަމުގައި ޤަބޫލުކުރުން. ފުލުހުން އައުމުން، ޙިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށްވެރިވުން. އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ، ތަޞްވީރުގެ ކުލަ ރީތިވެއްޖެ" ރައީސް ޞާލިޙް ވިދާޅުވެފަވެއެވެ.