އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު ހަ ރަށެއްގައި 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އަދި ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާއާ ހަވާލުކޮށް، މަޝްރޫއު ތަންފީޒުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއުއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ
އެންވަޔަރަންމަންޓް، މިނިސްޓަރު އައިމިނަތު ޝައުނާ އާއި މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ހެޑް އޮފް ރިނިއުބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯއެވެ.
މި މަޝްރޫއިން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދުވެސް ވަނީ ކޯޕަރޭޝަން އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރާ ރަށްތައް :
* 3 މެގަވޮޓް އައްޑު އަތޮޅުގައި
* 2 މެގަވޮޓް ފުވައްމުލަކުގައި
* 2 މެގަވޮޓް ގދ. ތިނަދޫގައި
* 1.5 މެގަވޮޓް ހދ. ކުޅުދުއްފުށީގައި
* 1.5 މެގަވޮޓް ބ. އޭދަފުށީގައި
* 1 މެގަވޮޓް ޅ. ހިންނަވަރު
"މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގު. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެ ދަށް އަގެއް،" ޝައުނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައެވެ. މަސައްކަތް ނިމި ކަރަންޓުގެ ހިދުމަތް ދެވޭނޭ ކަމަށް އަންދާޒާ ކޮށްފައިވަނީ އެ އަހަރުގެ ފަހުކޮޅުއެވެ.
މި މަޝްރޫއިން 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ. އޭގެ ސަބަބުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި، ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!