ރިސޯޓު ހަދަން ހުޅުވައިލި ރަށްތަކަށް ބޮޑެތި އަގުތަކެއް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރިސޯޓުތައް ހަދަން މި ރަށްތައް އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ރަށްތަކަށް ބީލަން ހުށަހެޅުން ކުރިއަށް ގެންދިޔައީ މިމަހުގެ 22 އާއި 23 ގައެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށްތަކުގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަށް ވުރެ އެވްރެޖުކޮށް 250 އިންސައްތަ ބޮޑު ކަމަށެވެ.

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަށް ވުރެ 929 އިންސައްތަ ބޮޑު އަދަދެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ބީލަން ކާމިޔާބުކުރި ފަރާތްތަކަށް ރަށްތައް އަންނަ މަހު އެވޯޑް ކުރަން ވަނީ ނިންމައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ 10 އަތޮޅަކުން 21 ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލައިފައެވެ. މުއްދަތު ހަމަވިއިރު އެ ރަށްތަަކަށް 29 ބީލަން ފޮތް ގަނެފައިވާއިރު 13 ފަރާތަކުން ވަނީ ތަފާތު 9 ރަށަކަށް 18 ބީލަން ހުށަހަޅައިފައެވެ.

މީގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގެ ދެ ރަށަކަށް ހުށަހެޅި ތިން ބީލަމާއި މ. އަތޮޅުގެ ރަށަކަށް ހުށަހެޅި ދެ ބީލަމާއި ފ. އަތޮޅުގެ ދެ ރަށަކަށް އަށް ބީލަމާއި ތ. އަތޮޅުގެ ރަށަކަށް ހުށަހެޅި އެއް ބީލަމާއި ގއ. އަތޮޅުގެ ރަށަކަށް ހުށަހެޅި ބީލަމަކާއި ގދ. އަތޮޅުގެ ދެ ރަށަށް ހުށަހެޅި ތިން ބީލަމެކެވެ.