މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގުރިކަލްޗަރއިން ސަރަޙައްދީ ހެޗަރީތައް ޤާއިމްކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ ހިމެނިއްޖެއެވެ.
އެގޮތުން އެމިނިސްޓްރީއިން ވަނީ މިރަށްތަކަށް އަމާޒްކޮށްގެން މެރިކަލްޗަރ އެކްސްޕޯޝަރ ޕޮރޮގުރާމްއެއް ކުރިއަށް ގެންގޮސްފައެވެ. އަދި މިޕްރޮގްރާމްގައި ފިއްލަދޫ ކައުންސިލްގެ އިތުރުން ހއ އަތޮޅު ކައުންސިލުންވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ފިއްލަދު ކައުންސިލުން ބައިވެރިވީ އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ރަޒީފްއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމާރޗް މަހުގެ 23 ވަނަ ދުވަހު ކ. މަނިޔަފުށީގައި ކަމަށެވެ. ފިއްލަދޫގެ އިތުރުން ހެޗަރީތައް ޤާއިމް ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ފ. ދަރަނބޫދޫ، ތ ވަންދޫ އަދި މ. ވޭވަށެވެ. މިރަށްރަށުގެ ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލުންވެސް ވަނީ މިޕްރޮގްރާމްގައި ބައިވެރިވެފައެވެ،
މިޕްރޮގްރާމަކީ ފާނަ ދިރުވާ އާލާ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއިން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. އަދި މިނިސްޓްރީއިން ކަނޑައަޅާފައި މިވާ 4 ރަށަކީ މިފަދަ ޕްރޮޖެކްޓްއެއް ކުރިއަށް ގެންދިއުމަށް އެކަށޭނަ ބިމުގެ ސަރަހައްދު އޮންނަ ރަށްތަކެކެވެ. މީގެ އިތުރުން އެރަށްތައް ސާވޭ ކުރުމަށް މިނިސްޓްރީގެ ފަރާތުން އެރަށްތަކަށް ދަތުރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފިއްލަދޫ ކައުންސިލުން އިތުރަށް ވިދާޅުވީ މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެކައުންސިލްގެ ފުރިހަމަ އެއްބާރުލުން މިނިސްޓްރީއަށް ދެއްވާނެ ކަމަށެވެ.
ސަރަހައްދީ ހެޗަރީ ތަކުގެ ސްޓްރަކްޗާ ހެދުމަށާއި އެ ތަންތަނަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުމަށް ކޮންމެ ހެޗަރީ އަކަށް ހަތަރު މިލިއަނާއި ފަސް މިލިއަން ޑޮލަރުގެ އަދަދެއް ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ފާނަ އާއި ހުއިފިލަނޑާ އަދި ބޭންގް އަލާކުރަން މައި ހެޗަރީގެ ގޮތުގައި ހެޗަރީ ތަރައްގީކުރަމުން ދަނީ ގއ. މާނާގަލާގަ އެވެ. އެތަނުގައި އެކޮމަޑޭޝަނާއި އެހެންވެސް ބައެއް ވަސީލަތްތައް ގާއިމުކުރުމަށް 3.6 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ހެޗަރީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރަން ނިންމާފައިވެ އެވެ.
ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ފުޅާކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!