ހދ. ނައިވާދޫގައި އިޖްތިމާޢީގޮތުން ހަރަކާތްތެރިވަމުން އަންނަ ކްލަބެއްކަމުގައިވާ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބުން "ނައިވާދޫ ގޮއިން ގްރީން"ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށައި، އެ ކްލަބްގެ ހަރަކާތްތައް ފުޅާކޮށްފިއެވެ.

އެ ކްލަބްގެ އިސްނެގުމުގެ މަތިން ވީހާވެސް ތިމާވެއްޓާ ރަހުމަތްތެރި މާހައުލަކަށް ނައިވާދޫ ހެދުމުގެ މަޤްޞަދުގައި "ނައިވާދޫ ގޮއިން ގްރީން" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށާފައިވާއިރު، މި ކެމްޕޭނުގެ ދަށުން މިހާތަނަށް ވަނީ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބާއި ވަން އެންޑް އޮންލީ ރީތިރަށް ނައިވާދޫ ފެމެލީ އަދި އަޅޭސް ސްޕޯޓްސް ކްލަބް ގުޅިގެން ސޯލާރ އެނާރޖީ މަގު ބައްތިތަކެއް ނައިވާދޫ ކައުންސިލާ ހަވާލުކޮށްފައެވެ.

Ad
rt

މި އެހީތެރިކަމަކީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ، ނާޒުކު ތިމާވެށީގެ ސަބަބުން ރާއްޖޭގެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މިކަމުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް ވީހާވެސް ތިމާވެއްޓާ ރަހުމަތްތެރި މާހައުލަކަށް ނައިވާދޫ ހެދުމަށް ޓަކައި "ނައިވާދޫ ގޮއިން ގްރީން" ނަމުގައި އެ ކުލަބުން ފަށާފައިވާ ކެމްޕޭނުގެ ފުރަތަަމަ ހަރަކާތް ކަމަށް އެ ކްލަބުން ބުނެއެވެ.

މީގެ އިތުރުން އެ ކުލަބުގެ އިސްނެގުމުގެ މަތިން މިހާރު ވަނީ ރަށުގެ ހުރިހާ ގޭބީސީއަކާއި މުއައްސަސާތަކުގެ އިތުރުން ސުކޫލް ދަރިވަރުންނަށް ހަދިޔާ ކުރުމަށް ރީޔޫސެބަލް ފެން ފުޅި ބެހުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކޮށްފައެވެ. އެ ކްލަބުން ބުނިގޮތުގައި މިއީ "ނައިވާދޫ ގޮއިން ގްރީން" ނަމުގައި އެ ކުލަބުން ފަށާފައިވާ ކެމްޕޭނުގެ ދެވަނަ ހަރަކާތެވެ.

އެ ކްލަބުން ވަނީ މިހާ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް އެ ކްލަބާއެކު ވަން އެންޑް އޮންލީ ރީތިރަށު ނައިވާދޫ ފެމެލީ ދެއްވި އެއްބާރުލެއްވުމަށް ޚާއްޞަގޮތެއްގައި ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން ވަން އެންޑް އޮންލީ ރީތިރަށް ނައިވާދޫ ފެމެލީ އިސްނެގުމުގެ މަތިން އެ ރަށު ކައުންސިލާ ގުޅިގެން ރީތިރަށް ރިސޯޓުން 50 ބައިސްކަލް އެހީގެ ގޮތުގައި ވަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދީފައިކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ރީތިރަށް ރިސޯޓުން، ނައިވާދޫ ކައުންސިލަށް 50 ބައިސްކަލް ހަދިޔާކޮށްފި

ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކްލަބުން ބުނިގޮތުގައި، މީގެ އިތުރުން މިހާރުވެސް އެ ކްލަބުން ދަނީ ވަރަށް ގިނަ ކަންތައްތައް ރާވައި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުނެވެ. އުންމީދުކުރަނީ މި ކަންކަމުގެ ސަބަބުން ހުރިހާ ޖީލްތަކަށް ތިމާވެއްޓާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ޓްރައިނާސްއިން ބުންޏެވެ.

އެ ކްލަބުން ވަނީ، އެ ކުލަބުން ހިންގަމުންދާ ހާއްސަ ކެމްޕޭނަށް އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވި ނައިވާދޫ ކައުންސިލާއި ނައިވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެހީތެރިކަން ފާހަގަ ކުރަށްވާފައެވެ. ވަކިން ޚާއްސަކޮށް ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި ވަން އެންޑް އޮންލީ ރީތިރަށް ނައިވާދޫ ފެމެލީ އަދި އަޅޭސް ސްޕޯޓްސްގެ ނަން ވެސް އެ ކްލަބުން ވަނީ ފާހަގަ ކޮށްފައެވެ.

އެ ކްލަބުން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހު ކްލަބް އެކަޑަމީ އިފްތިތާހުކޮށްފައިވާއިރު، ނައިވާދޫގެ ޅަ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދީ، ހުނަރުވެރި ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ މަސައްކަތް ވެސް އަންނަނީ ބާރަށް ކުރަމުންނެވެ. 64 ކުދިންނާއެކު ފެށި މި އެކަޑަމީގައި 6 ކޯޗަކު ހިލޭ ސާބަހަށް މަސައްކަތްކޮށްދެއެވެ.